އެސްޓްރާޒެނެކާ ވެކްސިން ޖަހާ ފަރާތްތަކަށް ބްލަޑް ކޮލޮޓް (ލޭ ގަޑުވުން) ވުމުގެގެ މަސައްލަތައް ކުރިމަތިވާ ކަމަށް ޝައްކު ކުރެވި މި ވެކްސިން ޖެހުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި މަޑު ޖައްސާލާފައި ވަނިކޮށް މިވެކްސިން ޖެހުމުގެ މިފަދަ އެއްވެސް މައްސަލައެއް ކުރިމަތިވާކަމުގެ ސާބިތު ހިފޭ އެއްވެސް ހެއްކެއް ފެނިފައިވާ ނުވާ ކަމަށްބުނެ އެސްޓްޒެނެކާ ވެކްސިން ޖެހުމުގެ އެއްވެސް މައްސަލައެއް ނެތްކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO)އިން ބުނެފިއެވެ.
ކޯވިޑް19ގެ ވެކްސިން ޖަހާފަވަނިކޮށް ހަށިގަޑުގައި ބްލަޑް ކްލޮޓްވެގެން ޑެންމާކުގެ ރައްޔިތަކު ވަނީ މަރުވެފައެވެ. މިހާދިސާ ހިގުމާއި ގުޅިގެން، މިހާތަނަށް އައިއިރު ޑެންމާކް، ނޯވޭ އަދި އައިސްލޭންޑް ހިމެނޭގޮތުން ޔޫރަޕްގެ 5 ގައުމަކުން ވަނީ އެސްޓްރާޒެނެކާއިން އުފައްދާފައިވާ މިބެޗްގެ މިވެކްސިން އެގައުމުތަކުގައި ޖެހުން މެދުކަޑާލާފައެވެ.
އަދި އިޓަލީގައި އިތުރު ދެމީހަކު މަރުވެފައިވާތީ އެސްޓްރާޒެނެކާ ވެކްސިންގެ އިތުރު ބެޗްތަކެއްގެ ވެކްސިން ޖެހުން މިހާރު މެދުކަޑާލާފައިވާކަމަށް އިޓަލީންވަނީ ބުނެފައެވެ.
އެހެންނަމަވެސް ޔޫރަޕިއަން މެޑިސިން އޭޖެންސީން ބުނެފައިވަނީ، މި ވެކްސިންގެ ސަބަބުން ކުރިމަތި ވެދާނެކަމަށް ބެލެވޭ ރިސްކަށްވުރެ ވެކްސިން ޖެހުމުގެ ފައިދާ މާބޮޑުކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ސައިންޓިސްޓް ސޯމްޔާ ސުވަމިނަތަން ހުކުރުދުވަހު ވިދާޅުވެފައިވަނީ ބްލަޑް ކްލޮޓްވުމުގެ މައްސަލައާއި މިވެކްސިނާއި ގުޅުންހުރިކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަމަށެވެ.
ސިއްޙަތު ޖަމިއްޔާގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް މަރިއަންގެލަ ސިމާއޯ ވިދާޅުވެފައިވަނީ މިހާރު ޝައްކު އުފެދިފައިވާ އެސްޓްރާޒެނެކާ ވެކްސިންގެ ބެޗްތައް އުފައްދާފައިވަނީ ޔޫރަޕްގައި ކަމަށާއި ޔޫއެންއިން ކުރިޔަށް ގެންދާ ކޯވެކްސް ޕްރޮގްރާމަށް އެސްޓްރާޒެނެކާއިން ފޯރުކޮށްދީފައިވާ ވެކްސިންތަކަކީ އިންޑިއާ އަދި ސައުތުކޮރެއާގެ ވެކްސިން އުފައްދާ ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންތަކެއް ކަމުގައެވެ.

