ގިގްސް، ވޭލްސް ޓީމާ ގުޅުން ފަސްކޮށްފި

ގިގްސް، ވޭލްސް ޓީމާ ގުޅުން ފަސްކޮށްފި

ކާޑިފް، ވޭލްސް (މާޗް 10) – ގެވެށި އަނިޔާއެއްގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ވޭލްސްގެ ކޯޗު ރަޔާން ގިގްސްގެ މައްސަލައިގެ ސަބަބުން އޭނާ މަސައްކަތުން އެކަހެރިކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން ނިންމާފައިވާ ނިންމުން ދައްމާލައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ގިގްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ ލޯބިވެރިޔާ އަށް ހަމަލާ ދިނުމުގެ ތުހުމަތުގަ އެވެ. އުމުރުން 47 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ގިގްސް ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ގިގްސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށް ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. ކަފާލާތުގެ ދަށުން ގިގްސް ދޫކޮށްލާފައިވާ މުއްދަތުގައި އޭނާ ގައުމީ ޓީމުގެ މަސައްކަތުގައި ޝާމިލުވެ ނޫޅޭގޮތަށް ވޭލްސް ފުޓްބޯލް އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.

ގިގްސް ޓީމާ ދުރުގައި ހުރި މުއްދަތުގައި ޓީމުގެ ޒިންމާއާ ހަވާލުވެފައިވަނީ ވޭލްސްގެ ޒުވާން ޓީމުގެ ކޯޗަކަށް ހުރި ރޮބާޓް ޕޭޖް އެވެ. މިދިޔަ ނޮވެމްބަރު މަހު އޭނާ ވަނީ ވޭލްސްގެ މެޗުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

މިދިޔަ މަހު ގިގްސްގެ މައްސަލައިގައި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައި ހުރި މުއްދަތު ވަނީ މެއި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. އެއާ އެކު ވޭލްސް ފުޓްބޯލް އެސޯސިއޭޝަނުން ނިންމީ މި މަހު ކުޅޭ ވޭލްސްގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ވެސް ގިގްސް ޓީމާ ދުރުގައި ބެހެއްޓުމަށެވެ. އެއީ ގިގްސްގެ މައްސަލައިގައި ވަކި ގޮތެއް ނުނިމޭތީ އެވެ.

ގިގްސްގެ މައްސަލައިގައި ގޮތެއް ނުނިމިއްޖެނަމަ އަންނަ ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ވޭލްސްގެ ކޯޗުކަން ކުރާނެ ކަމަށް ބެލެވެނީ ޕޭޖް އެވެ. ޔޫރޯގައި ވޭލްސް ހިމެނެނީ އިޓަލީ އާއި ތުރުކީ އަދި ސްވިޒަލެންޑާ އެކު ގްރޫޕް އޭގަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *