ބޭންކް އޮފް މޯލްޑިވްސް ގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރަކަށް އައިޝަތު ސަމާހު އައްޔަންކޮށްފިއެވެ. އައިޝަތު ސަމާހު ވަނީ ބީއެމްއެލްގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވަމުންނެވެ.
އައިޝަތު ސަމާހް އެންމެ ފަހުން ހުންނެވީ ބީއެމްއެލްގެ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ.
ބޭންކިން އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފައިވާ އައިޝަތު ސަމާހް ވަނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފައި ކަމަށް ވެސް ބީއެމްއެލް އިން ހާމަކުރެއެވެ.
ބީއެމްއެލް އިން ވަނީ އެ ބޭންކްގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމަށް މަރިޔަމް ހަމީދު އައްޔަންކޮށްފައެވެ.
މީގެއިތުރުން ބީއެމްއެލްގެ ދަށުން ހިންގާ ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން ވަނީ އަލަށް އެކުލަވާލި ރީޓެއިލް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

