މޯލްޑިވިއަން ސީޕްލޭންގެ ބައެއް ޕައިލެެޓުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ފަށައިފިއެވެ. މޯލްޑިވިއަން ސީޕްލޭންގެ ޕައިލެެޓުން މުޒާހަރާ ކުރަމުންދަނީ ޗީފް ޕައިލެޓްއަކަށް ކުރިން ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެއްވެސް ސަބަބަކާއި ނުލައި ވަޒީފާއިން ވަކިކުރުމާއި ގުޅިގެންކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް މޯލްޑިވިއަން ސީޕްލޭންގެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މިހާދަށް ލިޔެފައިވާ ސިޓީއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
މިކަމާއި ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މީޑިޔާ ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ މި ޙަރަކާތުގައި މޯލްޑިވިއަން ސީޕްލޭންގެ ހުރިހާ ޕައިލެޓުން ބައިވެރިނުވާ ކަމަށާއި މިކަމުގެ ސަބަބުން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް އަސަރެއް ނުކުރާ ކަމަށެވެ. އަދި ގެނެވުނު އިންޓާނަލް ސްޓްރަކްޗަރ ބަދަލާއި މެދު ހިތްހަމަ ނުޖެހޭ ބައެއް ޕައިލެޓުން އުޅޭކަން އެ އެއާލައިންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ.

