ރިކަވަރީ ލޯނަށް އިތުރު 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް

ރިކަވަރީ ލޯނަށް އިތުރު 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް

ކޮވިޑް-19 ރިކަވަރީ ލޯނުތަކުގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކޮށްފައިވާ ލޯބުގެ ގްރޭސް ޕީރިއަޑް އިތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތަޢާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ.

ފިނޭންސް މިނިސްޓްރީން އެ އިޢުލާންގައި ބުނެފައިވާ ގޮތުގައި މިފަދަ ލުޔެއް ދިނުމަށް ނިންމީ މި ސްކީމަކީ ކޯވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ވާކިންގ ކެޕިޓަލް ފޯރުކޮށްދީ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފެށި ސްކީމަކަށް ވެފައި ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް މިހާތަނަށް ހަމަވެފައިވާ ވިޔަފާރި ތަކަށްވެސް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް ޖުމްލަ 12 މަހުގެ ގްރޭސް ޕީރިއަޑްއަކަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި، ކުރިން ލޯން އިވެލުއޭޓްކުރުމުގައި ފިނޭންސް މިނިސްޓްރީންނާއި ބީއެމްއެލުން ގެންގުޅެފައިވާ މިންގަނޑުތަކަށް ބައްލަވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތުގެ ލޯނުގެ ގްރޭސް ޕީރިއަޑް ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން ބީ.އެމް.އެލް އަށް އީމެއިލް މެދުވެރިކޮށް އަންގަންޖެހޭނެ ކަމަށާއި ލޯން ސްކީމްގެ ދަށުން ލިބޭ 6 މަހުގެ ގްރޭސް ޕީރިއަޑް ހަމަވެފައި ނުވަތަ 30 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ވެފައިވާނަމަ 01 އޭޕްރިލް 2021 ގެ ކުރިން ބީއެމްއެލަށް އެންގުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދި އީމެއިލް ކުރާނީ [email protected] އަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *