ރާއްޖޭގައި ޑޮލަރުގެ އަގު 20 ރުފިޔާ ގައި ހުރުމަށްފަހު ދަށްވަމުން ގޮސް ޑޮލަރެއްގެ އަގު 16.70ރ. އަށް ދަށްވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ޑޮލަރުގެ އަގު ދަށްވުމުގައި ފާހަގަ ކުރެވޭ އެއް އެމްއެމްއޭ އިން ރާއްޖޭގެ ބޭންކް ތަކަށް ފޯރުކޮށްދޭ ޑޮލަރު އަދަދު އިތުރު ކުރުމެވެ. އަނެއް ކަމަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެފައިވުމެވެ.
ޑޮލަރުގެ އަގު ދަށްވެގެން ގޮސްފައިވަނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާން ފަށާފައި ވާތީ ކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. ރާއްޖެއަށް އެންމެގިނައިން ޑޮލަރ ވަންނަ ސިނާޢަތަކީ ޓޫރިޒަމް ކަމަށްވުމުން ޓޫރިސްޓުން އަންނަން ފެށުމުނުން ޑޮލަރ ތިޔާގި ވީއެވެ. މިހާރު އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް 90،000 ޓޫރިސްޓުން އަންނަ ކަމަށް ހިސާބު ތަކުން ދައްކާއިރު އެ ޓޫރިސްޓުންގެ އަތުން ރާއްޖެއަށް ޑޮލަރ ވަންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ބައެއް ބޭފުޅުންގެ ނަޒަރުގައި ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަށްވުމުގައި އިމްޕޯޓް މަދުވުމަކީއެއީ ވެސް އެއް ސަބަބެކެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ އިމްޕޯޓް ވަނީ 24 ޕަސެންޓް ދަށްވެފަ އެވެ.

