ޓްރެވަލް ޓާކީ އިޒްމީރް ޑިޖިޓަލް ފެއާގައި ރާއްޖެއިން ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން ތުރުކީގައި އިޝްތިހާރު ކޮށްފިއެވެ.
ތުރުކީގައި މިފަދައިން ކުރިއަށްގެން ދިޔަ ފުރަތަމަ ޑިޖިޓަލް ފެއާ ގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ އެކު ވިޒިޓް މޯލްޑިވްސް އިން މި ފެއާހައި ވަނީ ބައިވެރިވެފަ އެވެ.
އެގޮތުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ފެއާގެ ތެރެއިން ވަނީ އިޝްތިހާރުކޮށްފަ އެވެ.
ތުރުކީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މަންޒިލެކެވެ. ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރު ކުރާއިރު ތުރުކީ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށް އިތުރު ހަރަކާތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
އެގޮތުން ފެއާތަކާއި ޓްރޭޑް ޝޯތަކުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ތުރުކީގެ މާކެޓަށް ޓާގެޓްކޮށްގެން ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
މިދިޔަ އަހަރު ތުރުކީ އިން 3.164 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

