ގދ.އަތޮޅު ކައުންސިލް ގައި ތިނަދޫ ގެ ދެ ދާއިރާ ތަމްސީލް ކުރަމުންދިޔަ 2 ކައުންސިލަރުންނަށް ސިޔާސީ މަޤާމްތައް ސަރުކާރުން ހަމަޖެއްސުވުމާއެކު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން އަތޮޅު ކައުންސިލް ގައި ހިމެނޭ ތިނަދޫ ގެ ކައުންސިލަރުންގެ ގޮނޑި ހުސްވެ އަތޮޅު ކައުންސިލް ގައި ތިނަދޫ ތަމްސީލް ކުރުން ނިމުމަކަށް އައިސްފިއެވެ.
ގދ.އަތޮޅު ކައުންސިލް ގެ ތިނަދޫ އުތުރުދާއިރާ ތަމްސީލް ކުރަމުން ދިޔަ އަދި ކައުންސިލް ގެ ރައީސް ގެ މަޤާމް އަދާކުރަމުން ގެންދިޔަ މުޙައްމަދު ނާޞިޙް ރަޝީދު އަށް 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ހަމަޖައްސަވާފައި ވަނީ ޔޫތު މިނިސްޓްރީ ގެ ޑެޕިޔުމިޓީ މިނިސްޓަރ ގެ މަޤާމެވެ.
އަތޮޅު ކައުންސިލް ގެ ތިނަދޫ ދެކުނުދާއިރާ ތަމްސީލް ކުރަމުން ދިޔަ ތަމްހީދު މުޙައްމަދު އަށް މީގެ ދެ ދުވަހެއް ކުރިން ހަމަޖައްސަވާފައި ވަނީ ހެރިޓޭޖް މިނިސްޓްރީ ގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ގެ މަޤާމެވެ.
ސިޔާސީ މަޤާމް ހަމަޖެއްސެވި ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީ ގެ ޓިކެޓްގައި އަތޮޅު ކައުންސިލް އަށް ހޮވިވަޑައިގެންފައިވާ ދެބޭފުޅުންނެވެ. އަދި ހަމަޖެއްސެވި ސިޔާސީ މަޤާމް ތަކަކީވެސް އެމްޑީޕީ ގެ ސްލޮޓުގައި ހަމަޖެއްސެވި މަޤާމް ތަކެކެވެ.
ދައުރު ހަމަވުމުގެ ކުރިން ނުވަތަ ވަކީންޚާއްޞަކޮށް އެމަޤާމްތަކަށް އެހެންބަޔަކު އިންތިޚާބު ކޮށްގެން ރައްޔިތުން ތަމްސީލް ކުރެވޭނެ ފުރުޞަތެއް ނެތިސް، ރައްޔިތުން ޙަވާލުކުރި ޒިންމާއިން ވަކިވެ މަތީމަޤާމްތަކަށް ދިޔުމަކީ ރައްޔިތުންނާ ދޭތެރޭ ނުވިސްނައި ރައްޔިތުންގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށް މިކަމާބެހޭ ގޮތުން ތިނަދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ.
އެއްގޮތަކަށްވެސް މިގޮތަށް ކަންކަން ކޮށްގެންނުވާނެ ކަމަށާއި މިގޮތަށް ކަންކަންކުރާ މީހުންނާއި އަދި އެމީހުންނަށް އެކަންކަން ކުރުމަށް މަގުފަހިކޮށްދިން ފަރާތްތަކާ ދޭތެރޭވެސް ރައްޔިތުން ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.
އަދި ސަރުކާރުންވެސް އެފަދަ ގޮތަކަށް ކަންކަން ކުރައްވައިގެން ނުވާނެ ކަމަށާއި ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޤާމްތަކުގައި ތިއްބަވާ ޒިންމާދާރު ބޭފުޅުން ރައްޔިތުން ޙަވާލުކޮށްފައިވާ ޒިންމާގެ މުއްދަތު ހަމަވުމުގެ ކުރިން ސިޔާސީ މަޤާމްތައް ދެއްވައިގެން ރައްޔިތުން ނިކަމެތިކޮށްގެން ނުވާނެކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. އެފަދަ މަޤާމްތައް ސަރުކާރުން ދެއްވަންވާނީ ރައްޔިތުން އެމީހުންނާއި ޙަވާލުކުރި ޒިންމާގެ މުއްދަތު ހަމަވުމުން ކަމަށްވެސް ތިނަދޫ އިން ވާހަކަދެއްކި މީހުން ބުނެއެވެ.


2 Responses
ރާއްޖޭގެ ނޫސްވެރިކަމަށް ބޭނުންވަނީ މިފަދަ " ތަޙްލީލީ " ލިޔުންތައް ކިޔުންތެރިންނަށް ގެނެސްދޭން..ނޫސްވެރިކަމަކީ އަޑުއަހާ ވާހަކައެއް އަޑުއަހާގޮތަށް ލިޔުމަށްވުރެބޮޑަށް އެކަމާގުޅޭ އެންމެހައި މަޢްލޫމާތުއެއްކޮށް " އެނަލައިޒް" ކޮށްގެން ކިޔުންތެރިންގެ މަޢްލޫމާތުވެސް މުއްސަނދުވާނެ ގޮތަކަށް އެޚަބަރެއް ގެނެސްދިނުން،،މިލިޔުން ކިޔާލުމުން ރާއްޖޭގެ ލޯކަލްކައުންސިލްތަކަށް އިންތިޚާބުކުރެވޭ މީހަކު އެހެން ސިޔާސި މަޤާމަކަށް ސަރުކާރުން ހަމަޖައްސަވާނަމަ ވިސްނަންޖެހޭ ކަންކަންހުރިކަން އެނގިގެން ހިނގައްޖެ.
ކައުންސިލްގެ ދައުރުވަނީ 3 ޖޫން 2020 އަށް ހަމަވެފައި ރައްޔިތުން ހަވާލުކުރި މުއްދަތު ހަމަވެއްޖެ.