ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ޔޫއެންގެ އުޅަދުތަކަކަށް ހަގުރާމަވެރިން ދިން ހަމަލާއެއްގައި އިޓަލީއިން އެގައުމަށް ކަޑައަޅާފައި ހުންނަ އެމްބެސެޑަރ އަވަހާރަ ކޮށްލައިފި ކަމަށާއި މިހަމަލާގައި އެމްބެސެޑަރއާއެކު ދަތުރުކުރަމުން ދިޔަ މިލިޓަރީ ފުލުހުންގެ މީހަކުވެސް މަރުވެފައިވާ ކަމަށް އިޓަލީގެ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމްބެސެޑަރ ދަތުރު ކުރައްވަމުން ގެންދެވި އުޅަދުތަކަށް ހަމަލާ ދީފައިވަނީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކަންޔަމަހޮރޯ ނަމަކިޔާ އަވަށުގެ ކައިރިން ދަތުރު ކޮށްފައި ދަނިކޮށް ހެދުނު ގަޑިން 10:15 ގައެވެ. އަދި ހަމަލާ ދިން މީހުން މަސައްކަތް ކޮށްފައިވަނީ މި ގާފިލާގައި ދަތުރުކުރަމުން ދިޔަ މީހުން ރަހީން ކުރުމަށް ކަމަށްވެސް ވެއެވެ.
އިޓަލީގެ ފޮރިންގ މިނިސްޓްރީގެ ވެބްސައިޓުގައި ވާގޮތުން ލޫކާ އަޓަނާސިއޯއަކީ 2017 ވަނަ އަހަރުން ފެށިގެން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހުންނަ އިޓަލީގެ މިޝަންގެ އެންމެ އިސްވެރިއާގެ ގޮތުގައި ހުންނަވާ ބެފުޅާއެވެ. އޭނާ އިޓަލީން އެގައުމަށް ކަޑައަޅާފައި ހުންނަ ސަފީރުކަމަށް ހަމަޖައްސަވާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.

