މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 17ގެ ނިޔަލަށް 32,970 ފަތުރުވެރިން އިންޑިއާއިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖެ އައި ފަތުރުވެރިންގެ 22.3 އިންސައްތައެވެ.
މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރެއިން، ރަޝިއާއިން އައި 32,019 ފަތުރުވެރިން ހިއްސާކުރަނީ 21.7 އިންސައްތައެވެ. އަދި ޔޫކްރެއިން ރާއްޖެއައި 10,178 ފަތުރުވެރިން 6.9 އިންސައްތަ ހިއްސާކުރާއިރު، ކަޒަކިސްތާނުން އައި 6,788 ފަތުރުވެރިން ހިއްސާކުރަނީ 4.6 އިންސައްތައެވެ. ރުމޭނިއާއިން ރާއްޖެއައި 6,154 ފަތުރުވެރިން ހިއްސާކުރަނީ 4.2 އިންސައްތައެވެ.
ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައި ވީނަަމަވެސް އަހަރުގެ މިހާތަނަށް ރާއްޖެއަށް 147,744 ފަތުރުވެރިން ވަނީ އައިސްފައެވެ. ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖުކޮށް 3,078 ގައި އުޅޭއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ އެވްރެޖުކޮށް 9 ދުވަހެވެ.

