2020 ވަނަ އަހަރު ނިމުނު އިރު ގްރީން ފަންޑުގައި 809 މިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހިސާބުތައް ދައްކާގޮތުން އެ މަހުގެ ތެރޭގައި ގްރީން ފަންޑަށް ލިބިފައިވަނީ 25 މިލިއަން ރުފިޔާ އެވެ. އެއީ ރިސޯޓުތަކުން ދެއްކި 24.3 މިލިއަން އާއި ސަފާރީީ/ ގެސްޓްހައުސްތަކުން ދެއްކި 745,846.58 ރުފިޔާ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި ޓޫރިސްޓުންގެ އަތުން ނަގާ ފައިސާ ޖަމާކުރާ ގްރީން ފަންޑަށް ޑިސެމްބަރު މަހު އެންމެ ގިނަ ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުގެ ރިސޯޓު، ހޮޓާ އަދި ގެސްޓްހައުސްތަކުންނެވެ. އެގޮތުން ޖުމްލަ 9.4 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.
ކޮވިޑް19 އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު އެންމެ ފުރަތަމަ ހިނގައިގަންނަން ފެށިއިރު، ބައެއް އަތޮޅުތަކުން ގްރީން ފަންޑަށް ފައިސާ ލިބިފައެއް ނުވެއެވެ. ނަމަވެސް ނޮވެމްބަރުން ފެށިގެން ޓޫރިޒަމް ރަނގަޅުވާން ފެށިއިރު، މިދިޔަ ޑިސެމްބަރުގައި ފައިސާ ނުލިބެނީ ހަމައެކަނި ފ އަތޮޅުންނެވެ.

