މިޔަންމާއަށް ގެނައި ބަޣާވާތާއި ގުޅިގެން، ބަޣާވާތް ގެނައި އަސްކަރީ ލީޑަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފި އެވެ. މިޔަންމާއަށް ބަޣާވާތް ގެނައި ލީޑަރުންނަށް ދަތުކުރުމުގެ ފިޔަވަޅު އަޅަން އެގްޒެކެޓިވް އޯޑަރުގައި ބައިޑެން ސޮއިކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ފިޔަވަޅުތައް އަމާޒުވާނީ ބަޣާވާތުގެ ލީޑަރުންނަށާއި އެމީހުންގެ އާއިލާއަށާއި އެމީހުންނާ ގުޅިފައިވާ ވިޔަފާރިތަކަށެވެ.
މީގެ އިތުރުން އެމެރިކާގައި ހުރި މިޔަންމާގެ ފައިސާ ކަމަށްވާ އެއް ބިލިއަން ޑޮލަރަށް އެގައުމުގެ އަސްކަރިއްޔާއަށް ބާރު ނުފޯރުވޭ ގޮތަށް ހެދުމުގެ މަސައްކަތް ވެސް އެމެރިކާ އިން ވަނީ ފަށައިފަ އެވެ.
ބައިޑެން ވަނީ މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރު ކޮށްފައިވާ އެގައުމުގެ ލީޑަރު އަންގް ސަން ސޫކީ ދޫކޮށްލައި، އެގައުމުގައި ޑިމޮކްރަސީ އިޔާދަކުރުމަށް ގޮވާލައްވައިފަ އެވެ. އަދި މިޔަންމާގެ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށާއި މުޒާހަރާގެ ބައިވެރިންނާމެދު ބާރުގެ ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައިޑެން ވަނީ ވިދާޅުވެފަ އެވެ.

