ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިޔާގެ އަބްހާ އެއާޕޯޓަށް ދިން ޑްރޯން ޙަމަލާގެ ސަބަބުން މަދަނީ އެތައް ގެއްލުމެއް އެ އެއާޕޯޓަށް ލިބުނު ކަމަށާއި އޭގެ ތެރޭގައި ފަސިންޖަރު މަތިންދާބޯޓެއް ބޭނުން ނުކުރެވޭވަރަށް ހަލާކުވެގެންދިޔުން ހިމެނޭ ކަމަށް ސައޫދީ އަރބިޔާ އިން ބުނެފި އެވެ.
ސައޫދީ އަސްކަރީ މަސްދަރަކާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނާގޮތުން ހޫޘީންގެ ހަމަލާގެ ސަބަބުން މަދަނީ މަތިންދާބޯޓެއްގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވާއިރު އެ އަލިފާންގަނޑު ވަނީ އެތައް ގަޑިއިރެއްގެ ފަހުން ނިއްވާލެވިފަ އެވެ. ހޫޘީން މި ހަމަލާ ދީފައި ވަނީ އީރާނުގައި އުފައްދާ ސަމާދު އަދި ޤާސިފު މަރުކާގެ ޑްރޯން ތައް ބޭނުންކޮށްގެން ކަމަށާއި މީގެ ތެރެއިން ގާސިފު މަރުކާގެ ޑްރޯންއަކީ ގޮވާތަކެއްޗާ އެކު އަމިއްލައަށް ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ ޑްރޯނެއް ކަމަށް ވެސް ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެ އެވެ.

