ކަރަންޓީން ގަވާއިދުތަކާ ހިލާފުވުމުން 10 އަހަރުގެ ޖަލު ހުކުމެއް!

ކަރަންޓީން ގަވާއިދުތަކާ ހިލާފުވުމުން 10 އަހަރުގެ ޖަލު ހުކުމެއް!

ކޮވިޑް-19އިގެ ނުރައްކާ ބޮޑު ގައުމުތަކުގެ ގޮތުގައި އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދާ މީހުން، އެގައުމުތަކަށް ދަތުރު ކުރިކަން ހާމަ ނުކުރާ ނަމަ ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެއް ކުރެވޭނެ ކަމަށް އިނގިރޭސި ހެލްތު ސެކްރެޓަރީ މެޓް ހޭންކޮކް ވިދާޅުވެއްޖެ އެވެ.

ހޭންކޮކް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތަށް ދިޔުމުގެ 10 ދުވަސް ކުރިން، "ރެޑް ލިސްޓު"ގައި ހިމެނޭ 33 ގައުމުގެ ތެރެއިން ގައުމަކަށް ޒިޔާރަތްކޮށްފައިވާ މީހަކު އެކަން އަންގަން ދެކޮޅު ހަދާ ނަމަ ގިނަ ވެގެން 13،800 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި  އެ މީހުންނާ ދެކޮޅަށް ދައުވާކޮށް، ގިނަ ވެގެން 10 އަހަރަށް ޖަލަށް ލާން ހުކުމްވެސް ކުރެވިދާނެ ކަމަށެވެ.

އިނގިރޭސިވިލާތުން "ރެޑް ލިސްޓު" ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރެމުންދާ ގައުމުތަކާއި އަވަހަށް ފެތުރޭ ވޭރިއެންޓުތައް ފެނިފައިވާ ގައުމުތަކެވެ. އޭގެ ތެރޭގައި ޕޯޗުގަލް އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި އެފްރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތައް ހިމެނެ އެވެ.

އިނގިރޭސި ސަރުކާރުން ވަނީ މީހުން ކަރަންޓީނު ކުރުމަށް މިހާރު 16 ހޮޓަލެއްގެ 4،600 ރޫމް ކޮންޓްރެކްޓް އުސޫލުން ހޯދާފަ އެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން އެގައުމަށް ދާ ފްލައިޓުތައް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެހެން ގައުމުތަކުން އިނގިރޭސިވިލާތަށް ދެވެނީ އެގައުމުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *