ދެކުނު ޗައިނާ ކަނޑުގައި ޗައިނާ މިލްކުވެރިކަމަށް ދައުވާކުރާ ޕަރެސެލް ޖަޒީރާތަކާ ކައިރި ހިސާބެއްގައި އެމެރިކާގެ ކަނޑުގެ ސިފައިން އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މިކަން ހާމަކުރަމުން އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނީ މި ތަމްރީންތައް ކުރިޔަށްގެންދިޔައީ އެމެރިކާގެ ކަނޑުގެ ދެ ފްލީޓެއް ގުޅިގެންނެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ގާތްގަނޑަކަށް 89 އިންސައްތައިގެ މިލްކުވެރިކަމަށް ދައުވާކުރަނީ ޗައިނާއިންނެވެ. މިމައްސަލާގައި ދެކުނު ޗައިނާ ކަނޑުގެ އައްސޭރިފަށުގެ އެހެން ގައުމުތަކާއި ޗައިނާއާ ދެމެދުވަނީ އަރާރުން އުފެދިފައެވެ. މިއަރާރުން ހައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމެރިކާ ގެންދަނީ މިކަމަށް ދަރުއަޅައި ޗައިނާއާއި އެގައުމުތަކާ ދެމެދު ދޭތެރެޖައްސަން މަސައްކަތް ކުރަމުން ކަމަށް ޗައިނާ ބުނެއެވެ.
އަދި ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުތައް ކުރުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ނަމުގައި މިސަރަހައްދުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ބޭނުމަކީވެސް ހަމަނުޖެހުން އުފެއްދުމާއި ޗައިނާއަށް ޖެއްސުންކުރުން ކަމަށް ޗައިނާ ދެކެއެވެ. މިފަދަ އަމަލުތައް ހިންގި ނަމަވެސް ޗައިނާއަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެތީ އާއި އެމެރިކާއާ ޚިލާފަށް ޗައިނާއަކީ އެގައުމާދުރު ސަރަހައްދުތަކަށް ގޮސް ހަންފަތުރަން މަސައްކަތްކުރާ ގަައުމެއް ނޫންކަމުން އެދެގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު ކުޑަކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

