ޓްރަމްޕްގެ އިމްޕީޗްމަންޓް އާ ދިމާކޮށް ކެޕިޓޮލްގެ ސަލާމަތީކަންކަން ވަރުގަދަކޮށްފި

ޓްރަމްޕްގެ އިމްޕީޗްމަންޓް އާ ދިމާކޮށް ކެޕިޓޮލްގެ ސަލާމަތީކަންކަން ވަރުގަދަކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމުގެ ޓްރެއަލްއާ ދިމާކޮށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ހުންނަ އިމާރާތްކަމަށްވާ ކެޕިޓޮލްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ފެޑެރަލް އޮފިޝަލުން ބުނެފިއެވެ.

ކެޕިޓޮލްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި މިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އިލެކްޓޯރަލް ކޮލެޖްގެ ރަސްމީ ނަތީޖާ ހާމަކުރުމަށް ހައުސްގައި ބައްދަލުވުން ކުރިޔަށްދަނިކޮށް ބަޔަކު ގަދަކަމުން ކެޕިޓޮލްއަށް ވަދެ ހަމަނުޖެހުން ހިންގިތާ މަސް ދުވަސް ފަހުންނެވެ. އެހަމަނުޖެހުންތަކުގައި ހަ މީހެއް ވަނީ މަރުވެފައެވެ.

ނޭޝަނަލް ގަރޑްގެ މެމްބަރުން ހާމަކުރާގޮތުގައި ކެޕިޓޮލްގެ ތެރޭގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އަދި އިމްޕީޗްމަންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވާ ޑިމޮކްރަޓިކް 9 މެމްބަރުންނަށް އަންނަނީ ވަކިވަކިން ސަލާމަތާއި ރައްކާތެރިކަން ދެމުންކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން އިމްޕީޗްމަންޓާ ގުޅުންހުރި ބައްދަލުވުންތައް ކުރިޔަށް ގެންދާއިރު އާއި އެނޫންވެސް މަސައްކަތްތަކުގައި އުޅޭއިރު އެއިން ކޮންމެ މެމްބަރަކަށް ވަކިވަކިން ސަލާމަތާއި ރައްކާތެރިކަން ދެމުން ގެންދާކަމަށާއި އެކަންކަން ބަލަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

އަދި ހައްދު ފަހަނައަޅާފައިވާ މީހުން ކެޕިޓޮލްގެ ބޭރުގައި ހަމަނުޖެހުމެއް ހިންގަފާނެކަމަށް ބަލައި އެކަމަށްވެސް ތައްޔާރުވެ، ސަލާމަތީކަންކަން ކެޕިޓޮލްގެ ބޭރުގައި ވެސް ވަރުގަދަކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މީގެއިތުރުން ސެނެޓަށް ވަންނަ ދޮރުކައިރީގައި ވެސް ސަލާމަތީކަންކަން ވަރުގަދަކޮށް އެކަންކަން ބަލަހައްޓަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޓްރަމްޕްގެ ދެވަނަ އިމްޕީޗްމަންޓް ޓްރެއަލް ކުރިޔަށްދާނީ އަންގާރަ ދުވަހުއެވެ. އެހެންކަމުން އެފްބީއައި އާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިޔުރިޓީ ވެސް އޮތީ ހައި އެލަރޓްގައި ކަމަށް އޮފިޝަލުން ބުނެއެވެ. ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ދިމާވިފަދަ ކަމެއް ދިމާނުވާނެ ގޮތަށް ހުރިހާ ދިމަދިމާއަކުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *