މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް މިއަދު މުޒާހަރާ ކުރަމުންދާ މީހުންނާ ދިމާލަށް އެގައުމުގެ ފުލުހުން ރަބަރު އުންޑަ އާއި ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުން ކުރަންފަށައިފިއެވެ.
މިޔަންމާގެ ވެރިރަށް ނޭޕިޑޯގައި ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރި މަންޒަރު ދުށް މީހަކު އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން ފުރަތަމަ އިންޒާރު ދިނުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހެ އެވެ. އެއަށް ފަހު މީހުންނާ ދިމާލަށް ރަބަރު އުންޑަ ޖެހި އެވެ. އަދި އޭގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު މުޒާހަރާތައް ފެށި ފަހުން އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މިން އަންގް ހްލެއިންގް އިއްޔެ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވަނީ ބަޣާވާތް ދިފާއު ކުރައްވައި މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި އެގައުމުގައި ބޭއްވި ޕާލިމެންޓު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ.
މިޔަންމާގައި ނޮވެމްބަރު މަހު ބޭއްވި އާއްމު އިންތިހާބުގައި ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

