ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކޮވިޑްބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް މިއަދު އުފުލިއްޖެ އެވެ.
ދުނިޔޭގެ ބާޒާރުގައި މިއަދު ހެނދުނު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުު ވަނީ 60.06 ޑޮލަރަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް އެރި ފުރަތަމަ ފަހަރެވެ.
ތެލުގެ ބާޒާރާ ބެހޭ ތަފާސްހިސާބު އެއްކުރާ ސިންގަޕޫރުގެ ކުންފުނި، ވަންދާ އިންސައިޓްސްގެ ބާނީ ވަންދަނާ ހަރީ ވިދާޅުވި ގޮތުގައި ތެލުގެ އަގު އުފުލެމުންދާ މައިގަނޑު ސަބަބަކީ ކޮވިޑް-19 ވެކްސިން ލިބުމުން އިގުތިސާދު އަލުން ރަނގަޅު ވާނެ ކަމަށް މިހާރު ބެލެވިފައިވާތީ އެވެ. އެގޮތުން އޭޝިއާގައި މިހާރު ތެލުގެ ޑިމާންޑު އިތުރުވަމުންދާ ކަމަށް ރޯޔަލް ޑަޗް ޝެލް ކުންފުނިން ބުންޏެވެ. އަދި ސައުދީ އަރަބިއާ ފަދަ ތެޔޮ އުފައްދާ ގައުމުތަކުން ތެޔޮ އުފައްދާ، ބޭރު ކުރާ މިންވަރު މަދު ކުރުމަކީވެސް ތެލުގެ އަގު އުފުލުނު ސަބަބެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

