އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފަހު ވަގުތު 3-3 އިން އެވަޓަންއާ އެއްވަރުވެއްޖެ އެވެ.
ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. އެޑިންސަން ކަވާނީ މެޗުގެ 24 ވަނަ މިނިޓްގައި ޔުނައިޓެޑުގެ ފުރަތަމަ ގޯލު ޖެހިއިރު، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އޭރިއާބޭރުން ބްރޫނޯ ފެނާންޑޭސް ޖެހި މޮޅު ގޯލާ އެކު ޔުނައިޓެޑުން ލީޑުފުޅާކުރި އެވެ. ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭގައި ދެ ގޯލު ޖަހައި އެވަޓަން އިން ނަތީޖާ ހަމަހަމަކުރި އެވެ. އަބްދުﷲ ޑޮކޫރޭ އެވަޓަންގެ ފުރަތަމަ ގޯލު ޖެހީ 49 ވަނަ މިނިޓްގަ ޖެހިއިރު، ތިން މިނިޓް ފަހުން އެވަޓަން އަށް އެއްވަރުކޮށްދިނީ ހަމޭސް ރޮޑްރިގޭޒް އެވެ.
ހިލޭ ޖެހުމަކުން ލޫކް ޝޯ ނަގައިދިން ހުރަހަކުން މެޗުގެ 70 ވަނަ މިނިޓްގައި ސްކޮޓް މެކްޓޮމިނޭ ވަނީ ބޮލުން ގޯލެއް ޖަހައި ޔުނައިޓެޑަށް އަލުން ލީޑުނަގައިދީފަ އެވެ. އެވަޓަން އިން ހިތްވަރުއެލުވާނުލައި ކުރި މަސައްކަތުން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ފަހު މިނިޓްގައި ލަނޑު ޖަހައިގެންނެވެ. މި ގޯލު ކާމިޔާބުކުރީ ޑޮމިނިކް ކަލްވެޓް-ލެވިން އެވެ. \
ރޭގެ މެޗަކީ ޔުނައިޓެޑަށް، ޕްރިމިއާ ލީގުގައި ޕޮއިންޓްގެ ގޮތުން މެންޗެސްޓާ ސިޓީއާއި އެކު އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތެކެވެ. ނަމަވެސް މި ނަތީޖާއާއި އެކު، ޔުނައިޓެޑަށްވަނީ ލީގުގެ ރޭހުގައި އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހިފަ އެވެ.
ސިޓީ އެއް ވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.

