ޔުވެންޓަސް އިން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އާ ކޮންޓްރެކްޓެއް ދޭން ނިންމާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުވެންޓަސް އިން ރެއާލް މެޑްރިޑަށް 100 މިިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު 2018 ގައި ސޮއިކުރި ރޮނާލްޑޯ މި ސީޒަނަށް ފަހު ވިއްކާލަން އެ ކްލަބުން ވިސްނި އެވެ. ނަމަވެސް އެ ވިސްނުން މިހާރުވަނީ ދޫކޮށްލާފައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ޔުވެންޓަސްއާ އެކު ރޮނާލްޑޯ މި ވަގުތު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.
ރޮނާލްޑޯ އަށް އިތުރު ކޮންޓްރެކްޓެއް ދޭން ޔުވެންޓަސް އިން ނިންމީ ފަހަކަށް އައިސް އޭނާ އެ ޓީމުގައި ދައްކަމުން އަންނަ ކުޅުން ރަނގަޅުވުމުންނާއި ޔުވެންޓަސް އަށް ލިބޭ އާމްދަނީ އިތުރުވެ، މާލީ ގޮތުން އެ ޓީމަށް ފައިދާ ބޮޑު ގޮތަކީ ރޮނާލްޑޯ އަދިވެސް އެ ކްލަބްގައި މަޑުކުރުވައިގެން ކަމަށްވާތީ އެވެ.
މި ވަގުތު ޔުވެންޓަސްގައި ރޮނާލްޑޯ ހުރީ އަހަރަކު 34 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ޔުވެންޓަސް އިން ބޭނުންވަނީ މިހާރު ވެސް ލިބޭ މުސާރަ އަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް އޭނާ އަށް ދިނުމަށެވެ.

