ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް ގައި 10 ޓީމަކުން ބައިވެރިވެއްޖެ އެވެ.
މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ތިނަދޫއަށް ނިސްބަތްވާ ހަތް ޓީމަކާއި އަތޮޅު ތެރެއަށް ނިސްބަތްވާ ދެ ޓީމުގެ އިތުރުން މާލެ އިން އެއްޓީމު ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވި ޓީމްތަށް
- ޝައިން ސްޕޯޓްސް ކްލަބް
- އައުޓްލޯޒް ކުއީންސް
- ގައްދޫ ވުމެންސް
- ހޭޔަންބޯ
- ފެނަކަ ރެކްރިއޭޝަން ކްލަބް
- ހޯބަހަކުން
- އެވިޑް ސްޓޫޑެންޓް ކައުންސިލް
- ހުއްޓޭކޮޑާ
- ހޯނޑެއްދޫ ވިކްޓޯރިއަންސް
- ފިޓް ފެމިނިން
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ޖެނުއަރީ 5 ވަނަ ދުވަހުއެވެ. އިއްޔެގެ ނިޔަލަށް ޓީމް ރަޖިސްޓްރޭޝަން ނިމިފައިވާ އިރު މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓު ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 10 ފެބްރުއަރީ އެވެ.
ހަވަރު ސްޕޯޓްސްއިން ތިނަދޫ ސްޓޭޑިއަމްއާއި ގުޅިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

