ހޯނޑެއްދޫގެ ފުޓްބޯޅަ އެކަޑެމީއެއް ކަމަށްވާ "ކާއްޑޭ ސްޕޯޓްސް އެކަޑެމީ" ފަށަން ކޯޗިން ޓްރެއިނިންގް ޕްރޮގްރާމެއް ފެށިގެން ކުރިޔަށް އެބަދެއެވެ.
ހޯނޑެއްދޫގައި ކުރިޔަށް ދާ މި ޓްރެއިނިންގ ޕްރޮގްރާމަކީ އެކަޑަމީގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށްޓަކައި ބާއްވާ ކޯޗިންގ ޕޫލެއްކަމަށް ކާއްޑޭ ސްޕޯޓްސް އެކަޑަމީއިން މައުލޫމާތު ދެއެވެ.
"ސުވާދީބު" އަށް މައުލޫމާތު ދެއްވަމުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެ އެކަޑެމީގެ ޓެކްނިކަލް ޑިރެކްޓަރ އާދަމް ލަރީފް (ލަރޭ) ބުނީ އެކަޑެމީގައި އޭއެފްސީގެ ބީ ލައިސެންސް ލެވެލްގެ ކޯޗުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ގޯލު ކީޕާރ ޓްރެއިނާރއެއް ވެސް މި އެކަޑެމީގައި ހަރަކާތްތެރިވާނެ ކަމަށް ލަރޭ މައުލޫމާތު ދެއެވެ.
އޭނާ ބުނީ މި ޕޫލުގެ މަގްސަދަކީ ކުޅުންތެރިން އަދި ކޯޗުން ފުޓްބޯޅައަށް ޝައިގުވެރިކޮށް ދަނޑުމަތީގެ ދެފަރާތުގެ ގުޅުން ވަރުގަދަކުރުމާއި އެކަޑެމީ ރަސްމީކޮށް ފެށުމަށް ފުރިހަމައަށް ތައްޔާރުވުމެވެ.
ގދ ހޯނޑެއްދޫ އަށް ނިސްބަތްވާ ކާއްޑޭ ސްޕޯޓްސް އަކީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯލް ފަދަ އެހެނިހެން ކުޅިވަރު ޓްރައިނިންގ ތަށް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އޮތް ކުޅިވަރު ކްލަބެކެވެ. 2020 ގައި ރަޖިސްޓްރީކުރެވި ވުޖޫދަށް އައި ކާއްޑޭ ސްޕޯޓްސްއިން މިހާރު އެންމެ ބޮޑަށް އިސްކަންދީގެން ކުރިއަތް ގެންދަނީ ހަމައެކަނި ފުޓްބޯޅަައިގެ ޓްރެއިނިންގ ޕްރޮގްރާމްތަކެވެ.

