އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. --ފޮޓޯ: މިހާރު

ރާއްޖޭގެ ހުރިހާ ރަށެއްގައި އިހުތިޖާޖު ކުރަން އެމްޑީޕީން ނިންމައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އިހުތިޖާޖު ކުރަން އެމްޑީޕީން ނިންމައިފި

މި ސަރުކާރާއި ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އިދިކޮޅު އެމްޑީޕީން ރޭ ފާސްކޮށްފިއެވެ.

މިކަން ފާސްކޮށްފައިވަނީ އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ޤާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާ ފެށުމުގެ ކުރިން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ކޮލަމާފުށި ދާއިރާގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލްގެ ޤާނޫނީ ވަކީލު، މަހުފޫޒު ސައީދު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އެޕާޓީން ދޭ ދައުވަތު ގަބޫލުކުރާ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މުޅި ރާއްޖެއަށް އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެކިއެކި އިހުތިޖާޖުތައް ރާވައި ހިންގުމަށް ހުށަހަޅާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ އިސްލާހި ބާތިލު ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

"ޤާނޫނު އަސާސީއަށް މި ގެނައި ބަދަލު، އިހު އޮތް ގޮތަށް ރުޖޫއަ ކުރުމާ ހަމައަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ކުރުމުގެ ގޮތުން، އެކިއެކި ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދިއުމަށާއި މި ބަދަލުގެ ސަބަބުން ނުކުންނަ ނަތީޖާގެ ސަބަބުން ރައްޔިތުން ހޭލުންތެރި ކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕޭނު ހިންގުމަށާއި އެމްޑީޕީން އިސްނަގައިގެން ހިންގާ މި ހަރަކާތުގައި ބައިވެރިވުމަށް ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކަށާއި ފަންނީ ދާއިރާގެ ބޭފުޅުންނަށް ދައުވަތު ދިނުމަށާއި މުޅި ރާއްޖެއަށް ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުމަށް" މަހުފޫޒު ހުށަހެޅި ގަރާރުގައި ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ ގޮނޑި ގެއްލޭ އިސްލާހުގެ ސަބަބުން، މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލިއްޖެނަމަ، އެ މެމްބަރަކު ހޮވަން އެ ޕާޓީން އެހީތެރިވާނެ ކަމަށް ވެސް ބުނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *