ހުޅުމާލޭ ފޭސް ދޭއްގައި ބިދޭސީއަކަށް ވަޅިން ހަަމަލާ ދީ، ފޯނު ފޭރިގަތް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުުހުން ވިދާޅުވީ، ހިތިގަސްމަގުގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ މާރާމަރީ ހިންގައި އޭނާގެ ފޯނު ފޭރުނު މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އަނިޔާވި ބިދޭސީ މީހާ އެޗް16 ކްލިނިކްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ވަޅިން ހަމަލާދީ، ފޭރުނު މީހާ ހޯދުމަށް ސީސީޓީވީ ފޫޓޭޖް ބަލައި ދެނެގަނެ، އިއްޔެގެ ވަގުތެއްގައި އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ.މާރަންދޫ އުތުރުގެ، އިބްރާހިމް މުހައްމަދު 40އ އެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

