ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުގެ ދަށުން އިތުރު ހާފިޒަކަށް ފުރުސަތު ދެއްވައިފި

ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުގެ ދަށުން އިތުރު ހާފިޒަކަށް ފުރުސަތު ދެއްވައިފި

ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުގެ ދަށުން އިތުރު ހާފިޒަކަށް އުމްރާއަށް ދިޔުމުގެ ފުރުސަތު ދެއްވައިފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް 6 ހާފިޒުންނަށް ފުރުސަތު ދެއްވާފައިވާއިރު، 6 ވަނަ ފުރުސަތު ދެއްވާފައިވަނީ އަލްހާފިޒާ ޔުމްނާ އަބްދުލް އަޒީޒަށެވެ.

މީގެ ކުރިން ފުރުސަތު ދެއްވާފައިވަނީ އަލްހާފިޒް އަލީ ރައީފްއަށާއި، އަލްހާފިޒް އާސިރު އާރިފް ޔޫސުފްގެ އިތުރުން އަލްހާފިޒް އަޛިން މުޙައްމަދު، އަލްހާފިޒާ ސަޚިއްޔާ އަބްދުލްޢަނީ އަދި އަލްހާފިޒާ ޝަބީނާ އާދަމް އަށެވެެ. ހާފިޒުންނަށް އުމްރާ ދަތުރު ދެމުން ގެންދަނީ ދީލަތި ފަރާތްތަކުންނާއި އެކި އުމްރާ ގުރޫޕުގެތަކުގެ ފަރާތުން ލިބޭ އެހީގެ ދަށުންނެވެ.

ގުރުއާން ހިތުދަސް ކުރާ ހާފިޒު އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެއްޓެވުމަށް ހަމަޖެހިފައިވާކަން ވަޒީރު އިއުލާނުކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގުރުއާން ހިތުދަސްކުރާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއު ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ގުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއް ކަމަށާއި ހިފްޒުކުރާ ކުދީން އުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަމަށް ހަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިން ކަމަށާއި މިފަދަ ކަންކަމުގައި މުޖުތުމައުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިއާރުތައް ދެމެހެއްޓުމަށް ޓަކައި އަދި ގުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ކީރިތި ގުރުއާން ހިތުދަސްކުރުމާއި، ހާފިޒުންގެ އަދަދު އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. މީގެ އިތުރުން ކީރިތި ގުރުއާނުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ކީރިތި ގުރުއާނާއި ބެހޭ މަރުކަޒަށް ހާއްސަ އިމާރާތެއް އެޅުމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ގުރުއާން މުބާރާތަށް ހައްދަވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *