ތިނަދޫ، ސިޓީއަކަށް ބަދަލުކުރި ގޮތް ބަލައިދިނުމަށް މެމްބަރު ސައުދުﷲ އެލްޖީއޭގައި އެދިއްޖެ

ތިނަދޫ، ސިޓީއަކަށް ބަދަލުކުރި ގޮތް ބަލައިދިނުމަށް މެމްބަރު ސައުދުﷲ އެލްޖީއޭގައި އެދިއްޖެ

ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އޮޅުވާލައިގެން ކަމަށް ތުހުމަތު ކުރެވޭތީ އެކަން ހިނގައިދިޔަ ގޮތް ބައްލަވައިދެއްވުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި އެދިއްޖެ އެވެ.

މެމްބަރު ސައުދުﷲ އެލްޖީއޭގައި އެކަން ބައްލަވައިދެއްވުމަށް އެދިފައިވަނީ މަޖިލިސް މެމްބަރުގެ ރަސްމީ ލެޓާ ހެޑުގައެވެ. އެ ސިޓީގައި ހިއްސާ ކުރައްވަމުން މެމްބަރު ވިދާޅުވީ ތިނަދޫ ކައުންސިލްގެ މަކާރާއި ހީލަތާއި އޮޅުވާލުމުގެ މައްސަލަ ބަލައިދިނުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އިދާރާއަށް އެ މައްސަލަ ހުށަހެޅުއްވީ އެކަން އެންމެ ބޮޑަށް އެނގޭނެ ފަރާތަކީ އެލްޖީއޭ ކަމަށް ބެލެވޭތީ ކަމުގައި މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ނިޔާވެފައިވާ އެއްތައް ބަޔަކާއި، އެހެން ރަށްރަށުގެ ރަށްވެހިންވެސް ތިނަދޫގެ ރަޖިސްޓްރީގައި ތިބި ކަމަށް ބުނެ ސިޓީގެ ދަރަޖަ ހޯދަން ހުށައެޅި ލިސްޓުގައި ހިމަނާފައިވާ ކަމުގެ ހެކި ފެންނަން އެބަހުރި ކަމަށެވެ.

""ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި ދިވެހި އެތައް ބަޔަކު އިންތިހާއަށް ކަންބޮޑުވާ އަދި ޤާނޫނާ ޚިލާފު އެތައް ކަމެއް ހިނގާފައިވާ އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތްތާގައިވެސް އެފަދަ ކަންކަން ހިނގާފާނެ ކަމަށް ބެލެވޭތީ މަކަރާއި ހީލަތާއި އޮޅުވާލުމާއި އެ ނޫންވެސް ޖިނާއީ މައްސަލަތައް ކަމަށް ބެލެވޭ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުއްވައި ދެއްވުމާއެކު މިކަމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ތިޔަ އޮތޯރިޓީއަށް ފެނިވަޑައިގަންނަވާނަމަ ތިނަދޫ ކައުންސިލާ ދޭތެރޭ ތިޔަ ފަރާތުނވެސްް ފިޔަވަޅު އަޅުއްވައި ދެއްވުން އެދެމެވެ" ސިޓީގައި މެމްބަރު ވިދާޅުވެފައިވެއެވެ.

އެ ސިޓީއާއެކު މެމްބަރު ވަނީ ސިޓީއަކަށް ހެދުމަށް ތިނަދޫ ކައުންސިލުން ފޮނުވާފައިވާ އާބާދީގެ ލިސްޓުގައި ފާހަގަވެފައިވާ މައްސަލަތައް އުޅޭ 1845 މީހުން ފާހަގަވާނެ ލިސްޓުތަކާއި ތިނަދޫ ކައުންސިލްގެ މޭޔަރު މީސްމީޑިއާގައި ބޭނުންކޮށްފައިވާ މުޑުދާރު ބަސްމަގު އެނގޭނެ ލިޔުންތަކެއްވެސް ހުށައަޅާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *