ތިނަދޫ ސިޓީގެ މައްސަލަ މަޖިލީހަށް ވައްދައިފި

ތިނަދޫ ސިޓީގެ މައްސަލަ މަޖިލީހަށް ވައްދައިފި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިިބިފައިވަނީ އޮޅުވާލައިގެން ކަމަށް ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭތީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ އެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.

ސައުދުﷲ ޙިލްމީ ވިދާޅުވީ، އެމައްސަލަ މަޖިލީހަށް ވައްދާފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިމެނޭ ކަމަށް ޤަބޫލުކުރެވޭތީ އާއި، އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދަވާތީ އެކަންކަން މަޖިލީހުގެ ތެރެއިން ބެލުމަށް ކަމަށެވެ.

މެމްބަރު މަޖިލީހަށް ހުށަހެއްޅުވި ސިޓީގައި ވިދާޅުވީ ގދ.ތިނަދޫ ސިޓީ އަކަށް ގާނޫނުގެ ތެރެއިން ބަދަލުވެގެންދިއުމަކީ ތިނަދޫ ކޮންމެ ރައްޔިތަކުވެސް އަދި ޚުދު އޭނާވެސް ބޭނުންވާ ގޮތް ކަމަށެވެ. އެހެން ނަމަވެސް ސިޓީއެއްގެ ދަރަޖަ  ކުރީގެ ސަރުކާރުން އެރަށަށް ދީފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ކަމަށް ބެލެވޭ ކަމަށާއި، އެކަމުގައި ގދ.ތިނަދޫ ކައުންސިލުން ވަރަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލައި އަތޮޅުގެ ބައެއް ރަށްތަކުގެ ރަޖިސްޓްރީގައި ތިިބި މީހުން އެ މީހުންނަށް ނޭނގި ތިނަދޫގެ ރަޖިސްޓްރީގައި ހިމަނައި ތިނަދޫގެ އެތައްބައެއް ނަންވެސް ޑަބަލްކޮށް، އައިޑީ ކާޑު ނަމްބަރު ތަފާތުވާހެން ލިސްޓަށް މީހުން އިތުރު ކޮށްފައިވާ ކަމަށާއި، އަދި އެރަށުގެ ރަށްވެހިކަމުނެ އެހެން ރަށްރަށުގެ ރަށްވެހިކަމަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ މީހުންވެސް އާާބާދީގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެ ސިޓީގައި މެމްބަރު ވަނީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި އޭރު ކުރި މަސައްކަތްތަކުގެ ތަފްސީލްވެސް ސިޓީގައި ހިމަނުއްވާފައެވެ.

"ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި ދިވެހި އެތައް ބަޔަކު އިންތިހާއަށް ކަންބޮޑުވާ އަދި ޤާނޫނާ ޚިލާފު އެތައް ކަމެއް ހިނގާފައިވާ އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތްތާގައިވެސް އެފަދަ ކަންކަން ހިނގާފާނެ ކަމަށް ބެލެވޭތީ އާއި އަދި މިކަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ބެލުމަށް އަޅުގަނޑުގެ ދާއިރާގެ ގިނަ ރައްޔިތުންތަކެއް އެދެމުންދާތީ މިކަން ރައްޔިތުންގެ މަޖިލިސްގެ ކަމާ ގުޅުންހުރި ކޮމިޓީ / ކޮމިޓީތަކުން ކަމާ ބެހޭ ،މުއައްސަސާތައް ކޮމިޓީ/ކޮމިޓީތަކަށް ގެންނަވައި މިކަން ހިނގާފައިވަ ގޮތް ބައްލަވައި ދެއްވުން އެދި ދެންނެވީމެވެ." ސައުދުﷲ ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ގޮތާމެދު ސުވާލު އުފައްދަވައި، އެކަމާ ގުޅޭ ގޮތުން މެމްބަރު މީސްމީޑިއާގައި ހިއްސާކުރައްވާ ޚިޔާލުތަކާ ދެކޮޅަށް ތިނަދޫ ސިޓީ މޭޔަރާއި މޭޔަރު ނިސްބަތްވާ އެމްޑީޕީއަށް ތާއިދުކުރާ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ. ކަން މިހެން އޮތް އިރު، ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލްކުރަން ހައިކޯޓަށްވެސް ވަނީ މައްސަލައެއް ވައްދާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *