އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުއެވެ. އަދި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސްވެރިނާއި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، ވިލާ ރިސޯޓްސް، އަދި ޔުނިވާސަލް ރިސޯޓްސް ގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލް އަކީ ތަފާތު އެކިދާއިރާތަކުގެ މަސައްކަތުގެ ފުރުސަތުތައް އޮތް ތަނެއް ކަމަށާއި ގިނަ މަސައްކަތްތަކަކީ ހާއްސަ ހުނަރު ބޭނުންވާ ދާއިރާތަކެއް ކަމަށެވެ.
މިފަދަ މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމަކީ ކުންފުންޏަށް ބޭނުންޖެހިފަ އޮންނަ ކަމަކަށްވާއިރު، މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ކުންފުންޏަށް ބޭނުންވާ ހުނަރުވެރި މީހުން ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ގައުމީ ފެންވަރުގައި ފެށުނު މިމަސައްކަތަކީ ކާމީޔާބު މަސައްކަތަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ސީއީއޯ ވިދާޅުވިއެވެ.
އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ. އަދި އެކަޑަމިކް ސަނަދު ހާސިލުކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބުންވެސް އެއީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ފުރުސަތުތަކާއި ބޭހޭގޮތުން އާންމުން ހޭލުންކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މިއަހަރުތެރޭގައި އެމްއޭސީއެލް އިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެމްއޭސީއެލް ކެރިއާ 2024 ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފެއާރތަކެއް ކުރިއަށް ގެންދާއިރު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދާލަން ކެރިއާ އެކްސްޕޯ" ގައި އެމްއޭސީއެލް އިން ވަނީ ބައިވެރިވެފައެވެ.

