އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް، އެ ބަޖެޓު މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.
ބަޖެޓު ކޮމިޓީން، ބަޖެޓު ފާސްކުރީ ކޮމެޓީގައި ތިއްބެވި 19 މެމްބަރުންގެ ތެރެއިން 15 މެމްބަރުންގެ ވޯޓުންނެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަނީ ބަޖެޓަށް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ. ނާޒިމްގެ ހުށަހެޅުއްވުމަކީ ޕީއެސްއައިޕީ މަޝްރޫއުތައް ހަމައަށް އަގުކޮށް، ތަރުތީބުކޮށް ވަކި ގޮތަކަށް އަމަލުކުރުމަށާއި އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ބެހިފައިވާ ގޮތް އެނގޭނެ ގޮތުގެ ލިސްޓެއް އަންނަ އަހަރުގެ މާޗް މަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށެވެ.
ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހަޅަން އިސްލާޙުގައިވެއެވެ.
މަޖިލިހުގެ ކޮމިޓީން ފާސް ކުރީ އެ އިސްލާހުތަކާ އެކުގައެވެ.
މި ބަޖެޓްގައި ބޯހިޔާވެހި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ ބަޖެޓަށް ސަރުކާރުން ކިޔަނީ ގެދޮރުވެރިކަމުގެ ބަޖެޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.
މި ޚަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ އެ ބަޖެޓުގައި ހިމަނާފައިވާއިރު، އެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މެދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫތައް ހިންގުމަށް ކަނޑައަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން ހުށަހަޅާ ބަޖެޓަކީ ދިވެހި ރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓް." ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. މިއަހަރު ބަޖެޓަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 55 ބިލިއަނަށް އަރާފައިވެއެވެ.

