ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އަމިއްލަ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭރުކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތައްފަހު ސަޕޯޓަރުންނާ ސަލާން ކުރައްވަނިކޮށް އެ ސަރަހައްދަށް ދިޔަ ބައެއް ނޫސްވެރިން ވަނީ މީޑިއާ ކޮމިޝަންގެ ބިލާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ބޭރުކުރާނެ ކަމަށެވެ.
"އޭތި ބޭރުކުރާނެ،" ރައީސް ވިދާޅުވި އެވެ. އަދި އެ ބިލް ބަލައި ނުގަންނާނެތޯ ނޫސްވެރިޔާ ސުވާލުކުރުމުން ރައީސް ވިދާޅުވީ "ޔޭސް، އޮފްކޯޒް" އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލަން ހުށަހެޅި އެ ބިލްގައި ވަނީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ސިޔާސަތެއް ނޫން ކަމަށެވެ.
މީޑިއާތައް ކޮންޓްރޯލް ކުރާ ހިތްޕުޅު ނުވާ ކަމަށާއި ބޭނުންފުޅުވަނީ މީޑިއާތަކަށް މިހާރަށް ވުރެ ބޮޑަށް މިނިވަންކަން ދޭން ކަމަށް ވެސް ވިދާޅުވި އެވެ.
"އެގޮތަކަށް އަޅުގަނޑުމެންނެއް ނުކުރާނަން. އޭގެ ބަދަލުގައި މީޑިއާތައް ބާރުވެރިކުރުވަން މަސައްކަތް ކުރާނީ. މީޑިއާތައް ބާރުވެރި ކުރުވުމަށްޓަކައި ފުރަތަމަ ފަހަރަށް މި ފާސްކުރެވޭ ބަޖެޓުގައި އޮންނާނެ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން ހިމަނާފައި. ފުރަތަމަ ފަހަރަށް، ވައުދުވި ގޮތަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީޑިއާތަކަށް ހެޔޮ އަގުގައި އޮފީސް ހިންގާނެ ޖާގަ ދިނުމަށް ހުޅުމާލެއިން އިމާރާތެއް ހަމަޖައްސައި، ގަވައިދަށް ފެތޭ ހުރިހާ މީޑިއާތަކަށް އެސްޓީއޯއިން އަޅަން ފެށި ހޮޓަލުން އޮފީސް ޖާގަ ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

