ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގެއަކަށް ވެސް ހިލޭ މަސް ކޭހެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތައް ކަމަށެވެ.
އެކަމަކު، ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ކޭހެއް ދިނުމަށް މިފްކޯއަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ރޯދަ މަހު ސަރުކާރުން ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދިނީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. ކާޑުގެ ބާވަތްތައް ދޫކުރީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑްނަންބަރު ނޯޓުކުރުމަށްފަހުއެވެ.
މިދިޔަ ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

