ސައުދީ އަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި މުހިންމު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް އަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ސަމިޓުގައި ރައީސް ވަނީ، ފަލަސްތީނުގެ ހައްގުގައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ދެން ވަޑައިގެންނެވީ ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، އަޒަރްބައިޖާންގެ ބާކޫއަށެވެ. ކޮޕް29ގައި ރައީސް ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީގެ މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރައްވާއި މޫސުމީ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
ކޮޕް29 ގެ ހަވާސާގައި އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކާމެދު ދުނިޔޭގެ ލީޑަރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި އެ މައްސަލައަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަމާއި، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، މާލީ އަދި ފަންނީ އެހީ ބޭނުންވާ މިންވަރު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

