ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ވިލިމާލެ އައުޓްރީޗް ސެންޓަރު މިއަދު ހުޅުވައިފިއެވެ.
ވިލިމާލެ މަސްޖިދުލް ބިއްރީގައި ދެ ކުލާސްރޫމާއެކު ގާއިމްކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ސެންޓަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ގާއިމްކުރި ސެންޓަރެކެވެ. މި ސެންޓަރު ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ކުރީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ވިލިމާލޭގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗު ސެންޓަރެއް ހުޅުވިގެންދިޔަކަމީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށާއި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ދީނީ ގައުމީ ކަންކަންކުރުމުގައި ވަކި ފިކުރެއް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވުމަށާއި، މިއަދު ހުޅުވިގެންދިޔަ ސެންޓަރަކީ މިފަދަ މަސައްކަތެއްގެ ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ލިބިލެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރަށާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

