ޝޫޓިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ނޭޝަނަލް ސްޕޯޓްސް ޝޫޓިން ޗެމްޕިއަންޝިޕް 2024އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އާންމުމޮށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ޝޫޓިން މުބާރާތް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސޯސަލް ސެންޓަރުގައި ކުރިއަށް ދާއިރު މި މުބާރާތް މިއަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ދިފާއީ ވުޒާރާ އާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ އެހީތެރި ކަމާއިއެކު ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 300 ޝޫޓަރުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގައި ތިން ޑިވިޝަނެއް ކުރިއަށް ދާނެއެވެ. ޔޫތް ޑިވިޝަން އާއި ޖޫނިއާ ޑިވިޝަން އޯޕެން ޑިވިޝަން ކުރިއަށްދާ މި މުބާރާތުގައި އިންޑިވިޖުއަލްސް އަދި ޓީމް އިވެންޓުވެސް ކުރިއަށް ދާނެއެވެ. ޓީމު އިވެންޓުގައި ޑަބަލްސް އަދި މިކްސް ޑަބަލްސް ކުރިއަށް ދެއެވެ.
ފުރަތަމަ ފަހަރަށް އާންމުންނަށް ހުޅުވާލައިގެން ރާއްޖޭގައި ބޭއްވުނު ޝޫޓިން މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ޝޫޓިން އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
”ފުރަތަމަ ފަހަރަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވިގެން ދިޔައިރު، މި މުބާރާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ، އަސްލު ޖާގައިގެ ދަތިކަމާއިހުރެ ބޭނުންވި ވަރަށް ފުރުސަތެއް ނުދެވުނު، މުބާރާތުގެ ބައިވެރިންނަށް އެކަށީގެންވާ ވަރަށް ޕްރެކްޓިސްވެސް ނުކުރެވުން، އެކަމުވެސް މި މުބާރާތާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެ.”މުބާރާތާއިބެހޭ ގޮތުން ވާހަކަ ދައްކަމުން ޝޫޓިން އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު އިސްމާއިލް ޝަފީގު ވިދާޅުވިއެވެ.
މިހާރު މާލޭ ސޯސަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތާށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިންނާއި ދިފާއީ ވުޒާރާއިން ދެއްވާ އެއްބާރުލުން އެހީތެރިކަން ޝޫޓިން އެސޯސިއޭޝަނުން ފާހަގަ ކުރެއެވެ.

