މިސަރުކާރު ކުރިއަށްދާނީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ރައީސް ކުރެއްވި ޕޮސްޓެއްގައި ވިދާޅުވީ، ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީންނަކީ ކޮބައިކަން ރައްޔިތުންނަށް ވަރަށް ސާފުވާތަން ކުރިއަށް އޮތް ތާނގައި އިތުރަށް ފެންނާނެ ކަމަށެވެ.
އަދި މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ "ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ގުޅުވައި ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ އިސްވެރިން ވަނީ މި ސަރުކާރަށް އަހަރެއް ވެގެން ދާއިރު، ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ނުކޮށް، ރައްޔިތުން ނިކަމެތިކޮށްލާފައިވާ ކަމަށް ބުނެ ވާހަކަތައް ދައްކާފައެވެ.
އަދި މުއްސަނދިންނާއި، އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން، ޕްރީ ޕޭ ހެލްތް ކޮންޓްރިބިއުޗަން ނެގުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ވެސް ސިޔާސީ ފަރާތްތަކުން ވަނީ އެކަމާއި ގުޅުވައި އެކި ގޮތްގޮތުން ވާހަކަ ދައްކާފައެވެ.

