2000 އަށްވުރެ ގިނަ ފްލެޓާއެކު، އެޗްޑީސީން 15 ޕްރޮޖެކްޓް އިފްތިތާހުކޮށްފި

2000 އަށްވުރެ ގިނަ ފްލެޓާއެކު، އެޗްޑީސީން 15 ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދަން ނިންމާފައިވާ 15 ޕްރޮޖެކްޓް ފެށުމަށްޓަކައި "ޓްރާންސްފޯމިން ޓުމޯރޯ" ރޭ ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އެކަމަށްޓަކައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، "ޓްރާންސްފޯމިންގް ޓުމޯރޯ: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކީ ޕްރޮޖެކްޓްސް" ލޯންޗުކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުއެވެ.

މި ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 15 މަޝްރޫއެއް ލޯންޗުކޮށްފައެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް މަޝްރޫއުތަކުގެ މޮޑެލްތައްވެސް ރޭ ވަނީ ދައްކާލާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ލޯންޗުކުރެވުނު އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަންއަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ވެސް ވެސް ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަދި ޑޭވިޑް ޕިއެރިސް ސިޓީ ޑިވޮލަޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އެވެ.

އެޗްޑީސީން ރޭ ލޯންޗުކުރި މި މަޝްރޫއުތަކަކީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްގީ ކުރުމަށް ލޯންޗުކުރެވިގެންދިޔަ މަޝްރޫއުތަކެކެވެ. އަދި މި މަޝްރޫއުތަކުގެ މަގްސަދަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ބަދަލެއް ގެނައުމެވެ.

އެޗްޑީސީން ބުނީ، މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ލޯންޗުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި ހިންގޭ އިތުރު ދެ ސޯޝަލް ހައުސިންގެ މަޝްރޫއާއި ރޯ ހައުސް މަޝްރޫއެއް އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރީ ފެބް ގެތަކުގެ މަޝްރޫއު ވެސް ހިމެނޭ ކަމަށެވެ.

ރޭ ލޯންޗުކުރެވުނު ކީ ޕްރޮޖެކްޓުތައް:

  • ރަސްމާލެ ޕްރޮޖެކްޓު- ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ

ބިމުގެ ގޮތުން ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު މި ޕްރޮޖެކްޓަކީ 325،000 މީހުންގެ އާބާދީއަށް ދިރިއުޅުމުގެ ފަސޭހަތައް ހޯދައި ދިނުމަށް ތަރައްގީކުރާ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓު ތަރައްގީ ކުރެވޭނެ.

  • ރޯ ހައުސް- މޮޑާރން ކަނެކްޓެޑް ހޯމްސް، (ހުޅުމާލެ)

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ފަދައިން، ހުޅުމާލެ ފޭސް 2 ގައި މުޅިން އާ ރޯ ހައުސްތަކެއް އެޅުމަށް ޕްލޭންގައި މިވަނީ ހިމަނާފަ. މި މަޝްރޫއުގެ ދަށުން 32 ޔުނިޓް އެޅިގެންދާނެ.

  • ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސް- (ހުޅުމާލެ)

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހުޅުމާލޭގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއު ކުރިއަށްގެންދިއުމަށް މިވަނީ ނިންމާފަ. މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމްކުރެވިގެންދާނެ.

  • މޮޑާރން ޕްރީފެބް ހޯމްސް- އިނޮވޭޓިވް އަދި ސަސްޓެއިނަބަލް ލިވިންގ (ހުޅުމާލެ)

ރާއްޖޭގެ އިމާރާތްކުރުމުގެ އިންޑަސްޓްރީއަށް އިނޮވޭޓިވް ސޮލިއުޝަނެއްގެ ގޮތުގައި ޒަމާނީ ޕްރީފެބް ގެތައް ތައާރަފުކުރުން.

މިއީ، ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް. މޮޑާރން ޕްރީފެބް ގެތަކަކީ ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެއް. ސަރުކާރުން މި މަހު 5 ވަނަ ދުވަހު އިފްތިތާހުކުރި "ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން، %5 އަށްވުރެ އިންޓްރެސްޓް ބޮޑު ނުވާގޮތަށް ދޫކުރާ ލޯނު ސްކީމާއި، މާލެ ސަރަހައްދަށް ދޫކުރާ 6 މިލިއަން ރުފިޔާގެ ލޯނު ސްކީމުން، މި ޕްރީ ފެބް ގެތައް ބައްލަވައިގަތުމަށް ފަސޭހަވެގެންދާނެ. މިއީ، ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީއާއި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް.

  • ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިންގ (ހުޅުމާލެ)

ފަރުކޮޅުފުށި، ގޭޓެޑް ކޮމިއުނިޓީއަކީ ޕްރައިވެޓް ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއެއް. އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސަރވިސް އެޕާޓްމަންޓް ތަރައްގީ ކުރާނެ. 5 ފަންގިފިލާގެ ހޮޓެލް އިމާރާތެއް އެތަނުގައި ގާއިމްކުރާނެ. އެއީ، 85 ކޮޓަރި ހިމެނޭ އިމާރާތެއް. މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް، ހައުސިންގެ އިތުރުން، ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށޭ މުހިންމު މަޝްރޫއެއް.

  • އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ)

ސަރުކާރު ހިއްސާވާ ކުންފުނިތައް އެއް އިމާރާތެއްގައި ހިންގޭ ގޮތަށް، ހުޅުމާލޭގައި އެސްއެމްއީ ބިލްޑިންގ އެއް އެޅުމަށްވެސް ޕްލޭންގައި މިވަނީ ހިމަނާފަ. 10 ފަންގިފިލާގެ މި އިމާރާތް ތަރައްގީ ކުރެވިގެންދާނީ އެސްއޯއީތައް ހިންގުމަށް އެންމެ އެކަށީގެންވާ ގޮތަށް.

  • އެޗްޑީސީ ބިލްޑިންގް (ހުޅުމާލެ)

އެޗްޑީސީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އާ ހެޑް އޮފީހެއް އެޅިގެންދާނެ. މި ހެޑް އޮފީސް އިމާރާތުގައި ކޮމާޝަލް ސްޕޭސްތައް ހުންނާނެ. އަދި ޓްރެއިނިންގ ސެންޓަރަކާއި، ރިކްރިއޭޝަނަލް އޭރިއާ، ޑެކެއަރ، އެކްސްޕީރިއެންސް ސެންޓަރު، އެގްޒިބިޝަން އަދި ޕާކިންގ ސްޕޭސްތައް ހިމެނޭނެ.

  • އެލްޑަލީ ކެއާ ފެސިލިޓީ (ހުޅުމާލެ)

މިތަނުން އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ، އެގޮތުން ކޮމްޕްރިހެންސިވް ކެއާގެ ދަށުން އިސްރަށްވެހިންނަށް ހެލްތް އެންޑް ވެލްނެސް ޕްރޮގްރާމްތައް ހިންގޭނެ. އަދި އެފަރާތްތަކަށް ބޭނުންވާ އެންމެ އެކަށީގެންވާ ނިއުޓްރިއަސް މީލްސް ނުވަތަ ކެއުން ލިބޭނެ.

  • ޕާކިންގ ބިލްޑިންގ- އިނޮވޭޓިވް ޕާކިންގ ސޮލިއުޝަން (ހުޅުމާލެ)

މި ސަރުކާރުން ވެހިކަލް ޕާކިން މައްސަލައަށް ހައްލު ހޯދުމަށް، ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ ތަރައްގީ ކުރުމަށް މިހާރު މިވަނީ ފަށާނަ. ސޯލާ ހަކަތަ ބޭނުންކުރާ ގޮތަށް ފަރުމާކުރާ މި 15 ޕާކިން އިމާރާތުގައި 4،000 އަށް ވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްކުރެވޭނެ.

  • އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ)

އައިލް އެޑްވެންޗާ ޕާކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ރޭސިންގ ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް، ހުޅުމާލޭގައި ތަރައްގީކުރާ މަޝްރޫއެއް. މިއީ، އާންމު ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ތަފާތު ވަސީލަތްތައް ގާއިމްކުރުމުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް. މިތަން ހުންނާނީ ބީޗަށް އެކްސެސް ވެވޭ ގޮތަށް. އޭގެ އިތުރުން، މިތަނުގައި ކުދި ފިހާރަތަކާއި، ފުޑް އެންޑް ބެވެރެޖް އައުޓްލެޓްތައް އަދި އޮން ސައިޓް ހޮޓެލް ސާވިސަސް ލިބޭނެ.

  • ހިސްޓްރީ ސެންޓަރު (ހުޅުމާލެ)

ދިވެހިންގެ ދިވެހިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުކަމުގެ ދަށުން، "ދިވެހިންގެރާއްޖެ" ސްލޯގަންއާ އެއްގޮތަށް، ދިވެހިންގެ ތާރީހު ދައްކުވައިދޭ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކުރުމަށް މިވަނީ ނިންމާފަ. މިއީ ރާއްޖޭގެ ތާރީހު ކިޔައިދީ، އަންނަން އޮތް ޖީލުތަކާ ހަމައަށް އެ ވާހަކަތައް ގެނެސްދިނުމުގެ މަގްސަދުގައި ތަރައްގީ ކުރެވިގެންދާ ތާރީހީ މަރުކަޒެއް. މިތަން ތަރައްގީ ކުރެވިގެންދާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި.

  • ނޮލެޖް ޕާކް- އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ)

ހުޅުމާލޭގައި ތަރައްގީ ކުރެވިގެންދާ މި ނޮލެޖް ޕާކުން ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާ ބަދަލުކޮށްލާނެ. މިއީ، ތައުލީމު އުންގަންނައިދޭ މަރުކަޒުތަކަށް މާލެ ސަރަހައްދުގައި އޮތް ޑިމާންޑަށް ލުއިކަމެއް ގެނެސްދެވޭނެ ޕްރޮޖެކްޓެއް. އެގޮތުން މިތަނުން، މާލެ ސަރަހައްދުގެ ވަކިވަކި ކޮލެޖް ޔުނިވާސިޓީތައް ހިންގުމަށް ޖާގަ ދޫކުރެވޭނެ.

  • ނޫވެލި- އައިލެންޑް ރިޓްރީޓް (ގަލުފަޅު)

މިއީ، ތަރައްގީގެ ބިޔަ މަޝްރޫއެއްގެ ގޮތުން، ގަލުފަޅުގެ ފަޅުތެރޭގައި "ނޫވެލި" ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރުމުގެ މަޝްރޫއެއް. މާލެއާ 10 މިނެޓު ދުރުގައި އޮންނަ މިތަނުގައި ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރެވިގެންދާނެ.

  • ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް (ކުޑަގިރި ފަޅު)

"ކިނާރިއާ" ޑެސްޓިނޭޝަން އައިލެންޑަކީ ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިންގ އަދި ހިތްހަމަޖައްސާލުމަށް ދިއުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކުރާ އައިލެންޑެއް. މިތަން ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެވެސް ގޮތުގަ. އެގޮތުން، ގެސްޓް ހައުސް ސްޓޭއާއި ސްޕާތައްވެސް މިތަނުގައި ހުންނާނެ.

  • ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް (ހުޅުމާލެ)

އެޗްޑީސީން މިވަނީ ހުޅުމާލޭގައި މުޅިން އާ ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސްއެއްވެސް ގާއިމްކުރުމަށް ނިންމާފަ. ރައީސްގެ ވިޝަންއާ އެއްގޮތަށް ތަރައްގީކުރާ މިތަނަކީ ކޯލްޑް ސްޓޯރޭޖާއި، އެމްޕަލް ވެއާހައުސިންގް އަދި ލޯކަލް ވިޔަފާރިތަކަށް ސްޕާޓް ވެއާހައުސް ކޮމްޕްލެކްސް ހިމެނޭނެ ތަނެއް. މި ފެސިލިޓީގެ ސަބަބުން މުދާ ރައްކާކޮށް ބެލެހެއްޓުމުގެ ކުރުމުގެ ހަރަދު ކުޑަކުރެވި، ވިޔަފާރުތައް ބާރުވެރި ކުރުވޭނެ.

  • ސީނިކް ސިޓީ- ގަސް އިންދުމުގެ މަޝްރޫއު (ހުޅުމާލެ)

މިއީ، މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދަން ނިންމާފައިވާ ގަސް އިންދުމުގެ މަޝްރޫއެއް. މި މަޝްރޫއުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ހިއްކާފައިވާ ރަށްތަކުގައި ގަސް އިންދުމުގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތައް ތަރައްގީ ކުރާނެ. އޭގެ އިތުރުން ހުޅުމާލޭގެ ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އެއްވެ އުޅޭނެ ސަރަހައްދުތަކާއި ބެންޗުތައް ގާއިމްކުރެވޭނެ.

އެޗްޑީސީ އިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުން އެދޭފަދަ ތަރައްގީއާއި ޒަމާނީ ހިދުމަތްތައް ތައާރަފުކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *