2025 ވަނަ އަހަރުގެ ބަޖެޓަކީ އުފެއްދުންތެރި ބަޖެޓެއް ކަމަށާއި ބަޖެޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ 2025 ބަޖެޓަށް ތާއިދުކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަފުޅުދައްކަވަމުން ސައުދުﷲ ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓްގެ އަދަދުތަކަށް ބަލާއިރު ޖުމްލަ ބަޖެޓްގެ އަދަދީ 56.6 ބިލިއަން ކަމަށާއި ޖުމްލަ ހަރަދަކީ 49.1 ބިލިއަން ކަމަށެވެ. ޖުމްލަ ޑެފިސެޓަކީ 9.3 ބިލިއަންކަން ފާހަގަކުރައްވައި މިއީ ފަހަކަށް އައިސް ރާއްޖޭގެ ބަޖެޓަށް ބަލާއިރު އެންމެ ދަށް ޑެފެސިޓް ކަމަށް މެމްބަރު ވިދާޅުވިއެވެ.
"މި ބަޖެޓަކީ އުންމީދީ ބަޖެޓެއް ކަމަށް ގަބޫލުކުރަން. މި ބަޖެޓަށް ބަލާއިރު ކުރީ އަހަރާއި ތަފާތުކޮށް ބަޖެޓްގެ ކަންތައްތައް ފެނޭ. ހާއްސަ ގޮތެއްގައި ވަކިވަކި ޕްރޮޖެކްޓައް ނެތުމުގެ އުނިކަން ފެނޭ. އެހެން ނަމަވެސް ޕްރޮޖެކްޓްތައް ފެށުމަށް ބޭނުންވާ ފައިސާތައް ވަނީ ހިމަނާފައި. ކުރީގައި ބަޖެޓް ހުށަހެޅިފައި އޮންނަ ގޮތުން ކޮންމެ މެންބަރު ވެސް ބޭނުންވޭ އެ ދާއިރާއެއްގައި ލާނީ ކޮން ޕްރޮޖެކްޓެއްތޯ އަދި ކިތަން ޕްރޮޖެކްޓްތޯ ބަލާލަން. އަދި ޕްރޮޖެކްޓް ނެތްނަމަ ރައީސްއާ މަޝްވަރާކޮށްގެން ވެސް ބަޖެތްގައި ޖަހަންޖެހޭ. އެހެންވުމުގެ ސަބަބުން ބަޖެޓަށް ނުކަތާ ވަރަށް ޕްރޮޖެކްޓް ޖަހަން މަޖްބޫރުވޭ." ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ މި ފަހަރުގެ ބަޖެޓަކީ އުފެއްދުންތެރި ރަނގަޅު ބަޖެޓަކަށް ވެގެންދާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ހާއްސަކުރެވޭ ގޮތަށް، ވައުދުތަކާއި އެއްގޮތަށް ބަޖެޓު ތަރުތީބުކުރުމަށް އެމަނިކުފާނަށް ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ ގައުމު އޮތީ އިނދަޖެހިފައި އަމިއްލަ ހާލައިގެން ނޫޅެވޭ ވަރުވެފައި ކަމަށެވެ. މިހެންވާން ޖެހުނީ ބަޔަކު މި ގައުމު ފުޅިއްސާލަފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހެން ވާން ޖެހުނީ ވައްކަމާއި ކޮރަޕްޝަނާއި އިސްރާފާ ހުރިހާ ކަމެއް ކޮށްފައި ހުރުމުން ކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.

