ރާއްޖޭގެ ރަސްމީ ރިޒާވް އޮކްޓޫބަރު މަހު 614.6 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން ނެރެފައިވާ ސްޓެޓިސްޓިކްސްގައި ވާގޮތުން، ސެޕްޓެންބަރު މަހު ރާއްޖޭގެ ރިޒާވްގައި ހުރީ 371.2 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް، އޮކްޓޫބަރު މަހު އެ އަދަދު ހުރީ 614.6 މިލިއަން ޑޮލަރުގައެވެ.
ރިޒާވް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އިން ކަރަންސީ ސްވޮޕްގެ ގޮތުގައި 400 މިލިއަން ޑޮލަރު ލިބިފައިވުންކަމަށް އެމްއެމްއޭއިން ބުނެއެވެ. މި ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތު ދީފައިވެއެވެ.
މި ނިންމުމުގެ ސަބަބުން އެމްއެމްއޭގެ ރިޓާން އޮޕްޓިމައިޒްކުރުމުގެ މަގުސަދު ހާސިލުވުމުގެ އިތުރުން މާލީ ދާއިރާގެ ހަމަޖެހުމާއި ކުރިއެރުމަށް އެހީތެރިވެދީ، މުޅި އިގުތިސާދަށް އޭގެ ފައިދާ ކުރާނެކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ، ރަސްމީ ރިޒާވް އިތުރުވީ ނަމަވެސް، ޔޫސަބަލް ރިޒާވްގެ އަދަދުގެ ގޮތުގައި ފެންނަނީ 31.5 މިލިއަން ޑޮލަރު ކަމަށެވެ. އެމްއެމްއޭ އިން ނެރެފައިވާ ނޫސްބަޔާނުގައިވާ ގޮތުން، ޔޫސަބަލް ރިޒާވް ޑޭޓާ ހިސާބުކުރަނީ ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިވާ 120 މިލިއަން ޑޮލަރު ހިމަނައިގެންނެވެ.

