ހުޅުމާލޭގައި ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނު ކުރި މައްސަލައިގައި އިތުރު ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އޭގެ ފަހުން އަނެއްކާ ވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ތަލާލް މޫސާއާއި އެކީ ސީނުން އިތުރު ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ހދ. ކުމުންދޫ، ރަތްބަގީޗާގެ، ހުސާމް އިބްރާހިމް (34އ)، މާލެ، ގ. ކަޅަގާރިމާނގެ، ހުސެއިން ހައިކަލް ނިޔާޒް (23އ)، ހދ. ކުމުންދޫ، ރަތްބަގީޗާގެ، އާދަމް ޝަރީފް (36އ) ގެ އިތުރުން ހުޅުމާލޭ ފްލެޓް ނަންބަރު. 04-1-71، އަހުމަދު ރިޝްފާން (26އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެންމެން ވެސް 7 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

