އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގެ ވޯލްޑް ލީޑަރސް ކްލައިމެޓް އެކްޝަން ސަމިޓް ހުޅުވުމުގެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ކޮޕް29ގެ މިއަހަރުގެ ޝިޢާރަކީ "އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް" އެވެ. މި ކޮންފަރެންސަކީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްޤީގައި ރާއްޖެ ކުރަމުންދާ މަސައްކަތްތައް ދުނިޔެއާއި ހިއްސާކޮށް، ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ގައުމެއްގެ ހައިސިއްޔަތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ.
ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ޤައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ނޭޝަންސްއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ކޮންފަރެންސްގައިވެސް ވަކާލާތުކުރައްވާނެއެވެ.
މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމަށް ރާއްޖެއިން ކުރުމަށް ނިންމާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމާއި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިން ސައްތަ އަކީ އިޔާދަކުރުވަނިވި ހަކަތައިން އުފައްދާ ހަކަތައަށް ހެއްދެވުމުގެ ވައުދުވަނީ އިއުލާން ކުރައްވައިފައެވެ.
ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވަރކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަގްވާމީގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމަށާއި، ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ތަރައްގީ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ނިންމައިފައެވެ.
މިސެޝަންގެ ކުރިން ކޮންފަރެންސްގެ ބައިވެރިން ވަނީ ގްރޫޕް ފޮޓޯއެއް ނަންގަވައިފައެވެ. ކޮޕް29 ގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. މި ތަގުރީރުގައި ރާއްޖޭގެ މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާއި ވިލުންވެރިކަމުގެ އަމާޒުތަކަށް އެމަނިކުފާނު އަލިއަޅުއްވާލައްވާނެއެވެ.

