އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަންނަ ފެބްރުއަރީ އަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ފޮނުވައިވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
މިއަދުގެ ކޮމެޓީގައި ވާހަކަދައްކަަވަމުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ވިދާޅުވީ، މި އިސްލާހާއި ގުޅޭގޮތުން މަޝްްވަރާ ކުރަން ޖެހޭ ވަރަށް ގިނަ މުވައްސަސާތައް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ބަޖެޓް ކަންކަންވެސް އޮތްއިރު، ޑިސެމްބަރު 1އިން ފެށިގެން މަޖިލީސް ޗުއްޓީއަށް ދާތީއާއެކު މި މައްސަލަ ނިންމުމުގެ ސުންގަޑިއަކީ 2025ގެ ފެބްރުއަރީގެ ނިޔަލަށް ހެދުމަށް ފާސް ކުރުމަށް ހުށަހަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، މިއީ ވަރަށް ހައްްސާސް މައްސަލައަކަށްވާއިރު، މިތާ ހަމަ ތިބެލާފައި މަދު މެންބަރުން ކޮޅެއް ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި މިކަމާއި ބެހޭ ގޮތުން ގިނަފަރާތްތަކާއި މަޝްވަރާކޮށް ދެކޭ ގޮތް ބަލަން ޖެހޭ ކަމަށާއި، އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި، އެންޖީއޯ، އައިޖީއޯ އަދި އެހެނިހެންވެސް ކަމުވޮށިގެންވާ ހުރިހާ ފަރާތްތަކަކާއި މަޝްވަރާ ކުރަން ޖެހޭ ކަަމަށް އޭނާ ގަބޫލުފުޅު ކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ބިލްގެ ނިޔަތް ސާފް ނުވާއިރު، މީގެން ކުރާނެ އަސަރުވެސް ދެނެގަންނަން ޖެހޭ ކަމަށެވެ. އެހެންކަމުން އޭނާ ހުށަހަޅަނީ ގިނަ ބަޔަކާއި މަޝްވަރާ ކުރެވިގެން މިކަމާއި މެދު ގޮތެއް ނިންމުމަށް ކަމަށްވާއިރު، އަންނަ ދައުރުގެ ފެބްރުއަރީގެ ނިޔަލަށް މަޝްވަރާތަކުގެ ސުންގަޑި ކަނޑައަޅަން އޭނާ ތާއިދު ކުރާ ކަަމަށްވެސް ވިދާޅުވިއެވެ.
މިއާއެކު ފެބްރުއަރީގެ ނިޔަލަށް މި ބިލްގެ ސުންގަޑި ކަނޑައަޅަން މިއަދުގެ ކޮމެޓީގައި ފާސްކޮށްފައި ވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އައުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ވޯޓަށް ފަހު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މި މައްސަލައަކީ ރާއްޖޭގެ އިގްތިސާދާއި މިނިވަންކަމާއި ގައުމަކަށް ދިމާވާނެ ހުރިހާ ކަމެއް މީގެން ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މިއީ ކޮމެޓިއަށް ހުށަހެޅިގެން ކުއްލިއަކަަށް ނިންމޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
ބިލުގައިވަނީ އިސްރާއީލް ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފައެވެ. މި ބިލު ހުށަހެޅި އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް ވަކި ގޮތަކަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް ވެސް ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފަލަސްތީނާ އެއްކޮޅަށް ވަރުގަދަ ސްޓޭންޑެއް ނަގައިފައެވެ. ހާއްސަކޮށް، ރައީސް ޑރ. މުއިއްޒު ގެންދަވަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.

