ފްލެޓުތަކަށް މެމްބަރު ކުރެއްވި ޒިޔާރަތާއެކު ސިޓީ ކައުންސިލަށް ނިދިން ހޭލެވިއްޖެ

ފްލެޓުތަކަށް މެމްބަރު ކުރެއްވި ޒިޔާރަތާއެކު ސިޓީ ކައުންސިލަށް ނިދިން ހޭލެވިއްޖެ

ގދ. ތިނަދޫގައި ސަރުކާރުން އަޅާފައިވާ ފްލެޓުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ހައްލު ލިބިފައިނުވާތީ ތިނަދޫ ދެ ދާއިރާގެ މެމްބަރުން މިއަދު އެތަނަށް ކުރި ޒިޔާރަތާއެކު ތިނަދޫ ސިޓީ ކައުންސިލަށް ނިދިން ހޭލެވިއްޖެ އެވެ.

އެރަށު ފްލެޓްތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދިއިދިނުމަށް އެދި އެތަނުގައި ދިރިއުޅޭ ރައްޔިތުން ވަނީ އެކި ފަހަރުމަތިން އެކި ގޮތް ގޮތަށް ތިނަދޫ ސިޓީ ކައުންސިލުގައި އެދިފައެވެ. ނަމަވެސް މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމައެއް އެ ކައުންސިލުން ފޯރުކޮށްދީފައި ނުވެއެވެ. އަދި ރައްޔިތުންގެ ކުރާ ގިނަ ސުވާލުތަކަށް ކައުންސިލްގެ މޭޔަރު "ޖެއްސުން ޖަވާބު" ދެއްވާ ކަމުގެ ޝަކުވާތައްވެސް އޮތީ ބޮޑުވެފައެވެ.

ކަން މިހެން އޮތް އިރު، މިއަދު ތިނަދޫގެ ދެ ދާއިރާގެ މަޖިލިސް މެމްބަރުން ވަނީ ފްލެޓުތަކަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ގާތުން ބައްލަވާފައެވެ. އަދި އެ ތަނުގައި ހުރި މައްސަލަތަކަށް ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ފްލެޓުތަކުގެ ހާލަތު ބައްލަވާލެއްވުމަށް އެތަނަށް ޒިޔާރަތް ކުރެއްވުމަށްފަހު ރައްޔިތުންނާ ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ އެތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިހާރުވެސް ހައުސިން މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި އެކަންކަން ހައްލުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި މެމްބަރު ވިދާޅުވިއެވެ.

"ހައުސިން މިނިސްޓްރީން ވިދާޅުވަނީ ފްލެޓުތަކުގަ ހުރި މައްސަލަތައް ވަކި ވަކިން އެ ފްލެޓެއް އެނގޭ ގޮތަށް ފޮނުވަދޭށޭ. މިހާރުވެސް އިންނާނެޔޭ ކައުންސިލްގަ ރިކުއެސްޓް ކޮށްފަ. ކައުންސިލުން ޖަވާބެއް ނުލިބެޔޭ. މެއިންޓެނެންސް އެގްރީމަންޓް ފޮނުވީމަވެސް ކައުންސިލުން ސޮއި ނުކުރި ކަމަށް. ކައުންސިލުން ވިދާޅުވަނީ އެގްރީމަންޓުގައި ސޮއި ނުކޮށްގެން އުޅެނީ ކުރިން ލިބެން ހުރި ފައިސާތަކެއް ނުލިބިގެން ކަމަށް." މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާލުވީ އިދާރީ ގޮތުން ހުރި އެފަދަ ކަންކަމުގެ މާނައަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތަކެއް ނުދީ ހުއްޓާލުމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން އިހުމާލުވެފައިވާކަން ފާހަގަކޮށް ކައުންސިލް ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މި މައްސަލާގައި މިހާ ދުވަހަށް ނިދިން ނުހޭލެވި އޮތް ތިނަދޫ ސިޓީ ކައުންސިލަށް ނިދިން ހޭލެވިއްޖެ އެވެ. އެހެން ނަމަވެސް ގޯސްވީ މެމްބަރުން އެތަނަށް ޒިޔާރަތް ކުރުމެވެ. މެމްބަރުންގެ ޒިޔާރަތާއެކު ޕްރެޝަރު ބޮޑުވެ ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީއަށް ރައްދު ދެއްވާ އުސޫލުން ޕޯސްޓެއް ޖަހާފައެވެ.


އެ ޕޯސްޓުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ފްލެޓުތައް އަޅަން ފެށީވެސް ތިނަދޫ ކައުންސިލުން އެމަސައްކަތުގެ ތެރެއަށް ވަނުމަށް ހުރަސް އަޅައި ކައުންސިލްގެ ބެލުންތެރިކަން ކުޑަކޮށް ކަމަށެވެ.

"ސިޓީގައި މީހުން ދިރިއުޅެމުންދާ 120 ފްލެޓަކީ 2015 ވަނަ އަހަރު، މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ ފަރާތް މެމްބަރު ކަމުގައި އޭރު ހުންނަވައިގެން ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ތިނަދޫ ކައުންސިލުން އެމަސައްކަތުގެތެރެއަށް ވަނުމަށް ހުރަސް އަޅުއްވައި، ކައުންސިލްގެ ބެލުންތެރިކަން ކުޑަކޮށް ޢިމާރާތް ކޮށްފައިވާ ފްލެޓް ތަކެއްކަމުގައި ދަންނަވަން. ތިނަދޫސިޓީގެ ރައްޔިތުންނަށް އެކަން ވަރަށް ސާފުކޮށް އިނގޭ އަދި އެ ހަޤީގަތް ދަންނަ ރައްޔިތުން މަދެއް ނޫން." ކައުންސިލްގެ ޕޯސްޓުގައި ވެ އެވެ.

"އެފަދަ އޮޅުވާލުންތައް އޮޅުވާލާ މެމްބަަރުން ކުރަމުންދާ ކަންކަން ކުށްވެރި ކުރަން." ޕޯސްޓުގައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ ކަންކަން އޮޅުވާލުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، ކައުންސިލުން ކުރަމުންދާ މަސަައްކަތްތަކަށް އިތުރު ކުރިއެރުން ލިއްބައިދޭނެ މަގަށް ރުޖޫއަވެ، ފްލެޓްތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ނަމަވެސް ހައްލުކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ.

ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިފަދަ ގޮތަކަށް މެމްބަރަކަށް ސިޔާސީ ރައްދެއް ދީފައިވާތީ ގިނަ ބަޔަކު ދަނީ ޕޯސްޓުގެ ކޮމެންޓު ބައިގައި ކައުންސިލަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *