މެމްބަރުން ފްލެޓްތަކަށް ޒިޔާރަތްކުރުން ތިނަދޫ ޑެޕިއުޓީ މޭޔަރަށް ވީ "ފިލްމް" އަކަށް!

މެމްބަރުން ފްލެޓްތަކަށް ޒިޔާރަތްކުރުން ތިނަދޫ ޑެޕިއުޓީ މޭޔަރަށް ވީ "ފިލްމް" އަކަށް!

ގދ. ތިނަދޫގައި އަޅާފައިހުރި 120 ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުގެ ޝަކުވާތަކަށް ސިޓީ ކައުންސިލުން ބީރު ކަންފަތެއް ދިނުމާ ގުޅިގެން ރަށުގެ ދެ ދާއިރާގެ މަޖިލިސް މެމްބަރންު އެ ފްލެޓްތަކުގެ ހާލަތު ބައްލަވައި، މައްސަލަތައް ހައްލުކުރަން މަސައްކަތް ފެށި ފެށުން އެރަށުގެ ޑެޕިއުޓީ މޭޔަރަށް "ފިލްމް" އެއްގެ ގޮތުގައި ސިފަ ވެއްޖެ އެވެ.

މިއަދު ދެ މެމްބަރުން ފްލެޓުތަކަށް ޒިޔާރަތްކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑިއުކިޔަމުންދާއިރު، ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެމްބަރުން އެތަނަށް ޒިޔާރަތް ކުރީ "ހެޔޮ ނިޔަތެއްގައި" ތިބި ބައެއް ނޫން ކަމަށެވެ. މެމްބަރުންނަށް ނިސްބަތްކޮށް، ހެޔޮ ނިޔަތެއްގައި ކަމެއް ކުރި ބައެއް ނަމަ "ފިލްމް" ނުކުޅޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ފްލެޓުތަކުގެ މައްސަލަ ހައްލު ނުވެ ގިނަދުވަސްތަކެއް ވެފައިވާއިރު، އެތަނުގައި ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލަތައް އެބަހުއްޓެވެ. އެގޮތުން ތަނުގެ ފެން ލައިނުތައް ފަޅައިގެން ގޮސް ސީލިން ލައިޓުތަކުން ފެން ލީކުވުމާއި، މޯޓަރުތައް ހަލާކުވެ އެއްވެސް ގޮތަކަށް ފެން ނުލިބުމުގެ ދަތިކަންވެސް ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. މިކަންކަމާ ގުޅޭ ގޮތުން އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ފަރާތްތަކުން ވަނީ އެކި ފަހަރުވަމުން ކައުންސިލާ ހިއްސާކޮށްފައެވެ. ނަމަވެސް ކައުންސިލުން އެކަންކަމަށް ހައްލެއް ހޯދައިދީފައި ނުވެއެވެ.

މި މައްސަލަތަކަށް އެދެވޭ ހައްލެއް ލިބޭ ތޯ އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ މީގެ ކުރިން އެތައް ފަހަރަކު މަތިން ކައުންސިލާ މަޝްވަރާކޮށް ފައެވެ. ނަމަވެސް ފަހުން ކައުންސިލުން  އެ ފަރާތްތަކަށް ދިނީ ބީރު ކަންފަތެކެވެ. ރައްޔިތުން މެމްބަރުން ގާތަށް ދާން ޖެހުނީ ކައުންސިލުން ބަކީ ކޮށްލުމުން ކަމަށް އެފަރާތްތަކުން ބުނެ އެވެ.

އެތަންތަނުގެ ހާލަތު ބެއްލެވުމަށްފަހު މިއަދު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވީ، އެތަނުގެ ހާލަތު ގާތުން ބައްލަވަމުން ގެންދާނެ ކަމަށާއި، ހުރި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން މަޖިލީހުގައިވެސް އެކަމާ ގުޅިގެން އަޑު އުފުއްލަވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލަތައް ހައްލުކުރުމުގައި ތިނަދޫ ކައުންސިލުން އިހުމާލުވެފައިވާކަމަށާއި، އެ ކައުންސިލް ޖަވާބުދާރީ ކުރުވާނެ ކަމުގައިވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *