ގެދޮރު އަޅަން ދޭ ލޯނަށް ކޮންމެ އަހަރަކު 1 ބިލިއަން ރުފިޔާ ބަޖެޓްކުރާނެ – ރައީސް

ގެދޮރު އަޅަން ދޭ ލޯނަށް ކޮންމެ އަހަރަކު 1 ބިލިއަން ރުފިޔާ ބަޖެޓްކުރާނެ – ރައީސް

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ގެދޮރު އަޅަން އެހީތެރިވެދޭ "ހިޔާވެހި ފައިނޭންސް ސްކީމް" އަށް ހާއްސަކޮށް ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނާއި ގެ މަރާމާތު ނުކުރެވި ތިބި މީހުންނަށް %5 އަށް ވުރެ ބޮޑު ނުވާ ގޮތަށް ލޯނު ދޫކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދު އެމަނިކުފާނު ވަނީ ފުއްދަވައިފައެވެ. މި ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީއެފްސީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.

"ހިޔާވެހި ފައިނޭންސް ސްކީމް" ތައާރަފް ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެ، ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަމަށް އިސްކަން ދީގެން ކަމަށެވެ.

ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދަތިވެފައި އޮތް ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެންވެ، އެމަނިކުފާނުގެ ސިޔާސަތަކަށް ވެފައި އޮތީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސް ދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެއްވާފައި ވާނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި "ނިއު ޕޮލިސީ އިނީޝިއެޓިވް" ތެރޭގައި އޮންނާނީ ގެދޮރުވެރިކަމުގެ ވަޢުދު ފުއްދެވުމާއި ގުޅުންހުރި މަޝްރޫޢުތައް ކަމަށެވެ. އެގޮތުން، ހިޔާވެހި ފައިނޭންސިންގ ސްކީމަށް، އެއް ބިލިޔަން ރުފިޔާ އަދި ސަރުކާރުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ގެދޮރު އެޅުމަށް ކަނޑައަޅުއްވާފައިވާ އެކެއް ޕޮއިންޓް ފަހެއް ބިލިޔަން ރުފިޔާއާއެކު، ޖުމުލަ ދޭއް ޕޮއިންޓް ފަހެއް ބިލިޔަން ރުފިޔާ، 2025 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެކަށައަޅުއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން އިސްކަންދޭ ކަންތައްތައް ތަރުތީބުކުރާއިރު، މިނިވަންކަމާ ގުޅިފައިވާ ޤައުމީ މައްސަލަތައް ފިޔަވައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ، ދެ ގޮތެއް ނެތް، ސުވާލެއްނެތް ސިޔާސަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ސިޔާސަތު ދަމަހައްޓަވާނޭކަމުގެ ޔަޤީންކަންދެއްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *