ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތުން %60ގެ އިމްޕޯޓް ޑިއުޓީ ނަގަމުން ދިޔަ 39 ބާވަތަކަށް ( މަހާ މަހުގެ އުފެއްދުންތައް) ޑިއުޓީއަކާ ނުލާ އެކްސްޕޯޓުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރާއްޖޭން ތުރުކިއޭއަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ހިމެނޭ ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ސޮއިކޮށްފައެވެ.
އެގޮތުން 103 ބާވަތުގެ މަހާ މަހުގެ އުފެއްދުންތައް ތުރުކީވިލާތަށް އޮމްޕޯޓުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި އެއްބަސްބުމުގެ ސަބަބުން މުދާ ހެޔޮ އަގެއްގައި ދިވެހި ރައްޔިތުންނަށް ލިބި، ތުރުކިއޭގެ މާކެޓުން އާންމު ބޭނުމަށް ގެނެވޭ މުދަލަށް ޑިއުޓީ ލުއިވުމުގެ ސަބަބުން މުދާތައްް ހެޔޮއަގުގައި ލިބުމުގެ ފުރުސަތު ލިބި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކުދި، އަދި ބޮޑެތި ވިޔަފާރިތަކަށް ވެސް ފައިދާތަކެއް ލިބޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކުން އިމްޕޯޓުކުރާ މުދަލުން ޑިއުޓީއަށް ބޮޑެތި ލުއިތަކެއް ލިބުމާއެކު ރާއްޖޭގައި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
ހަމައެއާއެކު ރާއްޖެއާ ތުރުކިއޭއާ ދެމެދު އިންޑަސްޓްރިއަލް އިކުއިޕްމަންޓް އިމްޕޯޓުކުރުމުގެ ޚަރަދު ކުޑަވެ ރާއްޖޭގައި ވެލިއު އެޑްކުރުމުގެ ސިނާއަތްތައް ގާއިމްކުރެވި، އެކްސްޕޯޓް މާކެޓުގައި ހަރަކާތްތަތެރިވާ ވިޔަފާރިތަކަށް ތުރުކިއޭގެ މާކެޓަށް ވަދެ އެކްސްޕޯޓް މިންވަރު އިތުރުކުރެވިގެންދާނެއެވެ.
މި އެއްބަސްވުމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ދެގައުމުގެ ދެމެދުގައި ވިޔަފާރި އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކްސްޕޯޓް އިތުރުކުރުމަށްޓަކައި އެމަނިކުފާނު ހުށަހެޅުއްވި ހުށަހެޅުމެކެވެ. އަދި މި އެއްވަސްވުމުގެ ދަށުން އެއް ގައުމުން އަނެއް ގައުމަށް އިމްޕޯޓުކުރެވޭ ކަނޑައެޅިފައިވާ މުދަލުގެ ކެޓަގަރީތަކަށް އިމްޕޯޓު ޑިއުޓީގެ ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

