ރިޔާސީ ދައުުރު ފަށާ ދުވަހަކީ ނޮވެމްބަރު 11 އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާންކުރީ އިއްޔެ ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ސަރުކާރުން ގެންނަން ބޭނުންވާ ބައެއް އިސްލާހުތައް އިއުލާންކުރައްވާފައެވެ. އެގޮތުން ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ކަނޑައެޅުމަށްޓަކާ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ހުށަހަޅަން ގަސްތުކުރާ އިސްލާހެއް އެއީ ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮޮވެމްބަރު 11 ކަމަށް ކަނޑައެޅުމަށްޓަކައި ޤާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅާނަން. މި ދެންނެވި އިސްލާހަކީ އެ އިސްލާހު ގެނައުމަށްޓަކާ ޕަބްލިކް ރިޕެރެންޑަމްއަކަށް ދާންޖެހޭ ކަހަލަ އިސްލާހެއް ކަމަށްވާތީ މި ކަހަލަ އިސްލާހުތައް އަޅުގަނޑުމެންނަށް ކުޑަކުޑަ ވަގުތުކޮޅެއް ނަގައިގެން އެކަން ކޮށްލެވޭނީ،" އުޝާމް ވިދާޅުވި އެވެ.
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އައި ކޮންމެ ދައުރެއް ފަށާފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހުގައެވެ. ރިޔާސީ ދައުރު ފެށޭ ތާރީޙު ބަދަލުވެގެންދިޔައީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެ އަހަރުގެ ނޮވެމްބަރު 11 އަށް އާ ރައީސަކު އިންތިހާބު ނުކުރެވުމުގެ ސަބަބުންނެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާ އިތުރު ބިލުތަކުގެ ތެރޭގައި ޖުޑިޝަރީ ކޮމިޓީ މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނަނީނަމަ މިކަމުގައި އަމަލުކުރަން ޖެހޭނެ ގޮތްތަކެއް ހޯދުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެސެޓް ރިކަވަރީ ބިލަކާއި ރާއްޖޭގެ ސަރަހައްދު ކަނޑައަޅައި، އެ ސަރަހައްދެއް ބަދަލެއް އަންނަމަ އަމަލުކުރާނެ ގޮތުގެ ބިލަކާއި މަޖިލިސް މެންބަރުންގެ ރީކޯލް ވޯޓާބެހޭ އިސްލާހެއްގެ އިތުރުން ވެރިކަމުގެ ނިޒާމާ ގުޅޭ ބިލުތައް ހިމެނެ އެވެ.
އުޝާމް ވަނީ ގާނޫނު އަސާސީ އަށް ގެންނަ ބަދަލުތައް ގެންނާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ވިދާޅުވެފަ އެވެ.

