ހޯކްސްގެ ބޯޓަކުން ވަގަށް 8،450 ކާޓަންގެ ސިނގިރޭޓް އެތެރެކުރަން އުޅެފި

ހޯކްސްގެ ބޯޓަކުން ވަގަށް 8،450 ކާޓަންގެ ސިނގިރޭޓް އެތެރެކުރަން އުޅެފި

ރާއްޖެ އަށް އެންމެ ފުޅާކޮށް ތެޔޮ އެތެރެކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަގަށް ގެނައި ސިނގިރޭޓް ކާޓަންގެ އަދަދު 8،000 އަށް ވުރެ މަތި ކަމަށް ކަސްޓަމްސް އިން ރޭ ބުނެފި އެވެ.

އެ މައްސަލާގައި ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ގިނަ އަދަދަކަށް ސިނގިރޭޓް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ހުކުރު ދުވަހުގެ ރޭ ރޭ ލިބުމާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށެވެ.

އެހެންވެ، ކަސްޓަމްސް އޮފިސަރުން ތިލަފުށީގައި މިހާރު ވެސް ގެންދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އިދާރާ އިން ބުނިގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިހާރު ބަލައިފާސްކުރަނީ ސިނގިރޭޓް ބޭލުމަށް މަސައްކަތްކުރި "ހޯކްސް ބޯޓްޔާޑް" އެވެ. އެއީ އެ ތަނުގައި އިތުރު ސިނގިރޭޓް ހުރި ކަމަށް ޝައްކު ކުރެވޭތީ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

"މިހާތަނަށް 'ހޯކްސް ބޯޓްޔާޑް' ބަލައިފާސްކުރުމުން، އެ ތަނުގައި ހުރި އެކޮމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު (ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް) ވަނީ ފެނިފަ އެވެ. މި ސިނގިރޭޓްތައް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

މިހާތަނަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ކަސްޓަމްސް އަށް ފެނިފައިވާއިރު އެއީ 8،450 ކާޓަން ނުވަތަ 84،500 ފޮއްޓެވެ.

"އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ގެނައި ސިނގިރޭޓުތައް ހޯކްސްގެ ލޯކަލް ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައިގެން ގެންގޮސްފައި ވަނީ ތިލަފުށީގައި ހުންނަ ހޯކްސް ބޯޓުޔާޑަށް ކަމަށާއި އެ ތަކެތި ބޭލުމުގެ މަސައްކަތް ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ 10 ޖަހާކަންހާއިރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ރާއްޖެ އަށް އެތެރެކުރެވޭ މުދަލުގެ ލިޔެލިޔުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މަރުހަލާތަކުގައި ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުން ކަނޑައެޅޭ ގޮތުގެ މަތިން އަމަލުކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާ އިން ދިނެވެ.

ކަސްޓަމްސް އިން ބުނީ، ރާއްޖެ އަށް އެތެރެކުރެވޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސްގެ ގާނޫނު ތަންފީޒްކުރުމުގައި ފަސްނުޖެހޭނެ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *