ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު ނެގުން މާދަމާ ހެނދުނު ބާއްވާ ގޮތަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
"ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައި ވެއެވެ. މި ބަދަލާއި ގުޅިގެން ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ އިތުރުން ގުޅިގެން ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން، ގުޅީފަޅަށް ގޯތި ބަދަލުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން މާދަމާ ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި ބޭއްވުމަށް އެ ވުޒާރާއިން ނިންމާފައި ވެއެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެކަމަށް ކަނޑައަޅާފައިވާ އެ ވުޒާރާގެ މުވައްޒަފުންނެވެ.
އެ ވުޒާރާއިން ވިދާޅުވީ، ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާ އައިޑީކާޑްގެ ކޮޕީ އަކާއެކު ހާޒިރުވުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން އިތުރަށް ބިން ހިއްކާ ސަރަހައްދުން ވެސް ގޯތި ދިނުމަށް ނިންމައިފައެވެ.

