ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ހަތް ބިދޭސީންނާއި ދެ އެޖެންޓަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމީހުން ހައްޔަރުކުރީ މި މަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
އެގޮތުން އެފަދަ ފަސް މައްސަލައަކާ ގުޅިގެން ބިދޭސީ ހަތް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އަދި މައްސަލަ ތަހުގީގު ކުރުމަށް ފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ފަސް އަންހެނަކު އަދި އެއް ފިރިހަނަކު ޑީޕޯޓްކޮށްލާފައިވާ ކަމަށާއި އަނެއް ތިން ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

