ގަވައިދާ ހިލާފަށް ރާއްޖޭގެ އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ރަށްރަށުގައި ވެސް ފަށައި ފުރަތަމަ އޮޕަރޭޝަންގައި ކ. ގުރައިދޫން 39 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ފަށާފައިވާ މި މަސައްކަތުގައި ގުރައިދޫގެ އޮޕަރޭޝަން ހިންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އިމިގްރޭޝަންގެ 20 އޮފިސަރަކާއި ފުލުހުންގެ ނުވަ އޮފިސަރެއްގެ އިތުރުން ގުރައިދޫ ކައުންސިލުން ވެސް ވަނީ މިކަމުގައި ބައިވެރިވެފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެތަނުން ބުނި ގޮތުގައި މިއީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ގުރައިދޫގެ އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީއަކު ޗެކްކޮށްފައިވެ އެވެ. އަަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުުން ދީ، ގަވައިދާ ހިލާފް ބިދޭސީންނަށް ވަޒީފާ ދީގެން އުޅުނު ފަސް ދިވެއްސަކަށް ލިޔުމުން ނަސޭހަތް ދީފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ހިފެހެއްޓި 39 ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް، ސްރީ ލަންކާ، ނޭޕާލް އަދި އިންޑިއާ މީހުންނެވެ. އަދި ނައިޖީރިއާގެ މީހަކު ވެސް ހިމެނެ އެވެ.
އިމިގްރޭޝަނުން ހިންގަމުން ގެންދާ އޮޕަރޭޝަންތަކުގައި މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ހިފަހައްޓައި އެތައް ހާސް ބަޔަކު ވަނީ ޑީޕޯޓްކޮށްފަ އެވެ.

